ފާސިގަކު ގެންނަ ޚަބަރެއްގެ ތެދުދޮގު ނުބަލައި އާއްމުންގެ ތެރޭގައި ފަތުރައިގެން ނުވާނެ: އުމަރު

ފާސިގަކު ގެންނަ ޚަބަރެއްގެ ތެދުދޮގު ބެލުމެއްނެތި އާއްމުންގެ ތެރޭގައި ފަތުރައިގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. "އިސްލާމީ ޝަރީއަތުގައި ހިފުމަށް" މި ނަމުގައި ރޭ ބޭއްވި ކެންޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މީހެއްގެ ބޮލުގައި ތުހުމަތެއް އަޅުވައިގެން ނުދަންނަ މީހަކު ފޮނުވާ ފޯސްޓެއްގެ ތެދުދޮގު ނުބަލައި މީސް މީޑިއާގައި އާއްމުކޮށް ނޫސްތަކުގައި ލިޔަމުން ގެންދާ ކަމަށެވެ. އިސްލާމް ދީނުގައި ވަނީ ކޮންމެ މީހެއްގެ އަބުރު ރައްކާތެރި ކުރުމަށް އަންގަވާފައިކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ ފާސިގުން ގެންނަ ޚަބަރުތަކުގެ ތެދުދޮގު ބެލުމަށް ކީރިތި ޤުރުއާނުގައި ވެސް އަންގަވާފައިވާ ކަމަށާއި އެހެން ނޫން ނަމަ ފަހުން އެކަމާ ހިތާމަކުރަން ޖެހިދާނެ ކަމަށެވެ. "އިވޭ ކޮންމެ އަޑެއްގެ ތެދުދޮގު ބެލުމެއް ނެތި އަނެކާއަށް އެ ޚަބަރު ފޯރުކޮށްދީގެން ނުވާނެ. މިއީ ރެގިއުލޭޓް ކުރަންޖެހޭ މައްސަލައެއް މި ރާއްޖޭގަ. މިއަދު ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮންނައިރު، ކޮންމެ މީހަކު މިވަނީ ނޫސްވެރިއަކަށް، ކެމެރާ މަނަކަށް ބަދަލުވެފަ. ނަމަވެސް އަޅުގަނޑުމެން މި ތަކެތި ބޭނުން ކުރަން ވާނީ މި ގައުމުގެ އިޖުތިމާއީ ފޭރާން ވީދާކަށް ނޫން،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން ވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރަން ވާނެ ކަމަށެވެ. އަދި ފާސިގުން ގެންނަ ޚަބަރެއްގެ ތެދުދޮގު ބަލާފައި ނޫނީ ނޫސްތަކުން ވެސް ރިޕޯޓްކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވިގޮތުގައި މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ނޫސްވެރިކަން ރަނގަޅަށް ރެގިއުލޭޓް ކުރަން އެބަޖެހެއެވެ. ފާއިތުވެދިޔަ 15 އަހަރު ތެރޭގައި އެމީހަކަށް އިވުނުހާ ވާހަކައެއް ދައްކަމުން ގެންދާ ކަމާއި ބައެއް ޓީވީތަކުން ދޮގު ހަދައިގެން ޚަބަރުތައް ކިޔަމުން އައިސްފައިވާކަން އުމަރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް ފަހަރު ދައްކާ ހަޑިހުތުރު ވާހަކަތައް ގޭގޭގެ ސިޓިން ރޫމާ ހަމައަށް ފޯރުކޮށްދިނުމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައު ތެރޭގައި ބައިބައިވުން އުފެދި، އެތައް ބައެއްގެ އަބުރު ގެއްލިގެން ހިނގައްޖެ ކަމަށެވެ. "އެކަމުގެ ސަބަބުން މުޅި މުޖުތައުގެ އަޚުލާގު ދުވަހަކު ވެއްޓިގެން ނުދާހާ ދަށު ދަރަޖައަކަށް ވެއްޓިގެން ހިނގައްޖެ. ގެއްލުމުގެ ކޮޅެއް ވެސް ނެތް. އަޅުގަނޑުމެންނަށް ހީވީ ޑިމޮކްރެސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނީ އެގޮތަށޭ. ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި ވެސް ބައެއް ކަންކަމުގައި ވާހަކަ ދެއްކުމާއި ޚިޔާލު ފާޅު ކުރުމަކީ މަނާ ކުރެވިފައިވާ ކަންކަން،" އުމަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު، ކެންޕެއިން ފައްޓާވާފައިވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ރަނގަޅުކޮށް، އެ އަސާސްތައް ކުރިއަށް ނެރެ، އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށެވެ. އުމަރު ވިދާޅުވީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި އިސްލާމީ ޝަރީއަތުގެ ބޭރުން މީހުން ދަންޖައްސައި މަރަމުންދާ ކަމަށާއި އެފަދަ ކަންތައްތަކުގެ ސަބަބުން އިސްލާމީ ޝަރީއަތުގެ ތަސައްވަރު ކިލަނބުވެގެންދާ ކަމަށެވެ. އިސްލާމީ ޝަރިއަތޭ ބުނުމުން އެއީ ހަމައެކަނި ޖިނާއި އުގޫބާތްތަތައް ދިނުމަށް އޮންނަ އެއްޗެއް ކަމަށް ބައެއް މީހުން ހީކުރާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "...އިސްލާމީ ޝަރީއަތަކީ އެއަށްވުރެ މާ ފުޅާއެއްޗެއް. އެއީ އިންސާނާ ހެއްދެވި ފަރާތާއި އޭނައާ ދެމެދު އޮންނަ ގުޅުމާއި އިންސާނާގެ ނަފްސުގައި ހުންނަންޖެހޭ ރިވެތި އަޚްލާގުތަކާއި އޭނާ އާއި އޭނާގެ އަވަށްޓެރިންނާދެމެދު އޮންނަންޖެހޭ ގުޅުމާއި އޭނާ އާއި އޭނާގެ އާއިލާގެ މީހުންނާ ދޭތެރޭ އޮންނަންޖެހޭ ގުޅުމާއި އިގްތިޞާދީ ކަންކަމާއި ވިޔަފާރީގެ މައްސަލަތަކާއި މުއާމަލާތްތަކާއި ވެރިން އަމަލުކުރަންޖެހޭ ގޮތްތަކާއި މިނޫން ވެސް މިފަދަ އެތައް ކަމެއްގެ މައްޗަށް އެކުލެވިގެންވާ ނިޒާމަކަށް ދެވިފައިވާ ނަމެއް،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ