ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރެއްގެ މަގާމަށް އައްޔަންކުރައްވިތާ 24 ގަޑިއިރު ނުވަނީސް އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އާދަމް ނަސީރު، ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖް ދާއިރާގެ މުޝީރެއްގެ ގޮތުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވިކަން ސަރުކާރުން ހާމަކުރެއްވީ މިއަދެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އޭނާ ފައްޓަވާފައިވާކަމަށާއި އެ މަގާމުގެ މަސްއޫލިއްޔަތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށް މިއަދު ވިދާޅުވެފައެވެ. އެހެން ނަމަވެސް މުންދު ވަނީ އާދަމް ނަސީރު އިސްތިއުފާދެއްވާފައިވާ ކަމަށް މިއަދު 3:30 ހާއިރު ވިދާޅުވެފައެވެ.
އާދަމް ނަސީރު މަގާމުން އިސްތިއުފާދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ނަސީރާއެކު އޭރު ބައެއް އިތުރު ވަޒީރުންތަކެއް އިސްތިއުފާދެއްވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވަނީ އެހެން މަގާމުތަކަށް ބަދަލުކޮށްފައެވެ.
އެގޮތުން، ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް ވަނީ އައްޔަންކުރައްވައިފައެވެ. އަދި ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިތާ 24 ގަޑިއިރު ނުވަނީސް އާދަމް ނަސީރު އިސްތިއުފާދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ