އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު މި މަހު ރާއްޖެ ގެންނަނީ
އޮސްޓްރޭލިއާއިން ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ނުވަތަ މަނަވަރު އެމްއެންޑީއެފް ކްރޫއިންނާއެކު، މި މަހު ރާއްޖެ ގެނައުމަށް ނިންމައިފިއެވެ. "އިމާދުއްދީން"ގެ ނަން ދީފައިވާ އެ މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކުރީ، މިދިޔަ އޭޕްރީލް މަހުގެ 19ގައެވެ. މިއީ އޮސްޓްރޭލިއާގައި ބަނދެގެން ގެންނަ މުޅިން އައު ބޯޓެކެވެ. https://sun.mv/220833 މި ބޯޓު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑަންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމާއި އެސިސްޓަންޓް ސެކްރެޓަރީ ފޯ ނޯތު އެންޑް ސައުތު އޭޝިއާ ކެރެން ރެޑްފޯޑް --- ފޮޓޯ/ އެމްއެންޑީއެފް "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ރާއްޖެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ކްރޫއިންނާއެކު، އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން، ރާއްޖެއާ ހަމައަށް އާދެވޭނީ މި މަހު، 15 ނުވަތަ 17ގައި ކަމަށް ލަފާކުރެއެވެ. މި އުޅަނދު ލިބުމާ ގުޅިގެން އެމްއެންޑީއެފުން އޭރު ބުނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ. އެ އުޅަނދު ރާއްޖެއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އޮސްޓްރޭލިއާއިން މި ބޯޓު ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން އިިއުލާނުކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިދިޔަ އަހަރުގެ ޖޫން މަހެވެ. ތުރުކީއިން ވެސް މިދިޔަ އަހަރު ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކޮށްފައެވެ. އެ އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރުމަށް، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުކޮށްފައިވެއެވެ. އެ އުޅަނދުގެ ތަފުސީލަށް ބަލާއިރު، އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ