ރާއްޖޭގެ އިގްތިސާދު ބަދަލުކޮށް އާމްދަނީ ދެގުނަ ކުރުމުގެ މަސައްކަތް ކުރާނަން: ނަޝީދު

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަށް އެމްޑީޕީން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އދ. މާމިންގިލިއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މީގެ ވިހި އަހަރު ކުރިން އެމްޑީޕީން ހުށަހެޅި އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަކީ އޭރުގެ ހާލަތުން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ”މޮޔަ“ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެވުނު ކަންކަން ކަމަށެވެ. ނަމަވެސް، ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ދިނުމާއި، ސަލާންޖަހަން ނުޖެހޭ ފަދަ ބޭސްފަރުވާއާއި ތައުލީމީ ނިޒާމެއް ގާއިމްކުރުމަށް އެމްޑީޕީން ގެންގުޅުނު ތަސައްވުރު މިއަދު ހަގީގަތަކަށް ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެމްޑީޕީން އެޅި ފިޔަވަޅުތަކާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ، 2010 ވަނަ އަހަރު މީރާ އުފައްދައި ޓެކްސްގެ ނިޒާމު ތައާރަފްކުރުމަކީ ރާއްޖޭގެ އިގްތިސާދީ ބިންގާ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން 2007 ވަނަ އަހަރު 6.5 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ އާމްދަނީ، 10 އަހަރުގެ ތެރޭގައި 20 ބިލިއަނަށްވުރެ މައްޗަށް އަރައިގެން ދިޔަކަން އެ މަނިކްފާނު ފާހަގަކުރެއްވިއެވެ.
2011 ވަނަ އަހަރު ދިވެހި ރުފިޔާ ފްލޯޓްކުރުމަށް ނިންމި ނިންމުމަކީ މަސްވެރިންނާއި ރިސޯޓު މުވައްޒަފުން ހިމެނޭހެން ރާއްޖޭގެ މަސައްކަތްތެރިންގެ 65 އިންސައްތަ މީހުންގެ އާމްދަނީ މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް
މީގެ އިތުރުން އަސާސީ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ ރައްޔިތުންގެ ޖީބަށް ސީދާ ލުއި ލިބިގެންދިޔަ ސިޔާސަތެއްކަމަށް ވެސް އެމަނިކްފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނަށް އެމްޑީޕީން ގެންގުޅޭ އިގްތިސާދީ ބޮޑު ބަދަލު‘ މެނިފެސްޓޯއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ”އެކްޒިމް“ ބޭންކެއް ގާއިމްކޮށް، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފުރުސަތުތައް ހޯދައިދޭނެ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ނޭޝަނަލް އިންވެސްޓްމަންޓް ފަންޑަކަށް ބަދަލުކޮށް، ހިންގުން ހަރުދަނާކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށާއި، މި ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދު މުޅިން އައު ހަރުފަތަކަށް ގެންދެވޭނެކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ