ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ކުރިއަށް އޮތް "ޑޮން 3" ފިލްމުން ކުއްލި ގޮތަކަށް ވަކިވި ކަމަށް ބުނެ، އިންޑިއާގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޖަމިއްޔާއިން އޭނާއާ އެކު މަސައްކަތް ނުކުރުމަށް މެންބަރުންނަށް ގޮވާލައިފި އެވެ.
މި ނިންމުމާ އެކު ރަންވީރުގެ ސަޕޯޓަރުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މިއީ އިންޑިއާގެ ފިލްމީ ސިނާއަތުގައި ފަހަކަށް އައިސް އުފެދުނު އެންމެ ބޮޑު އެއް މައްސަލައަށް ވަނީ ވެފަ އެވެ.
ހާހުން ފިލްމީ މަސައްކަތްތެރިން ތަމްސީލުކުރާ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ) އިން ބުނި ގޮތުގައި، ރަންވީރު ޑޮން 3 އިން ވަކިވިއިރު، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތަކަށް ވަނީ ގާތްގަނޑަކަށް 450 މިލިއަން ރުޕީސް ހޭދަކޮށްފަ އެވެ. މި މައްސަލައިގައި ރަންވީރުގެ ފަރާތުން ތަފްސީލަކަށް އެދުމުން ވެސް އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
އެފްޑަބްލިއުއައިސީއީގެ ރައީސް ބީ.އެން ތިވާރީ ބުނީ ރަންވީރު އެ ޖަމިއްޔާގެ މަންދޫބުންނާ ބައްދަލުކޮށް ކަން ހިނގި ގޮތް ސާފުކޮށްދެންދެން އޭނާއާ އެކު މަސައްކަތް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއްވެސް ސުޕަސްޓާރަކީ ގަވާއިދުތަކަށްވުރެ މަތީގައި ހުންނަންޖެހޭނެ މީހެއް ނޫންކަން މުޅި ސިނާއަތަށް އަންގައިދޭން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
މިއީ ރަސްމީކޮށް ފިލްމީ ދާއިރާއިން ބޭން ކުރުން ނޫން ނަމަވެސް، މި އެންގުމުގެ ސަބަބުން ރަންވީރުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
މި މައްސަލައިގައި ރަންވީރު ބަހެއް ބުނެފައި ނުވި ނަމަވެސް، އޭނާގެ ޓީމުން ވަނީ އެފްޑަބްލިއުއައިސީއީ އަށް އޭނާ ހާޒިރުވުމަށް އެންގުމުގެ ގާނޫނީ ބާރު އޮތްތޯ ސުވާލު އުފައްދާފަ އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަންވީރުގެ ތަރުޖަމާނަކު ބުނެފައިވަނީ އޭނާ ފިލްމީ ދާއިރާއަށާއި "ޑޮން" ފްރެންޗައިޒަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި، މިވަގުތު ހަނު ހުރުމަށް އޭނާ ގަސްދުކޮށްފައިވާ ކަމަށެވެ.
"ޑޮން" ސީރީޒަކީ 1978 ވަނަ އަހަރު އަމީތާބް ބައްޗަން ފެށި، އޭގެ ފަހުން ޝާހްރުކް ޚާން ކުރިއަށް ގެންދިޔަ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޝަން ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސީރީޒެކެވެ. 2023 ވަނަ އަހަރު "ޑޮން 3" އިއުލާން ކުރިއިރު، ޝާހްރުކްގެ ބަދަލުގައި ލީޑް ރޯލުން ފެންނާނެ ކަމަށް ހަމަޖެހުނީ ރަންވީރު ސިންގްއެވެ.
މި މައްސަލަ ފެންމަތިވީ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހުތަރު، ރަންވީރާ ދެކޮޅަށް ޖަމިއްޔާއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ރަންވީރަށް އަމާޒުކޮށް މިފަދަ ފިޔަވަޅެއް އެޅުމަކީ ބޭއިންސާފެކެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމެއްގެ މަސައްކަތް ފަށަން ކައިރިވެފައި ވަނިކޮށް ވަކިވުމަކީ ޕްރޮފެޝަނަލް ކަމެއް ނޫނެވެ.
ރަންވީރު އަކީ މީގެ ކުރިންވެސް ތަފާތު އެކި މައްސަލަތަކުގައި ފާޑުކިޔުން އަމާޒުވެފައިވާ އެކްޓަރެކެވެ. އެގޮތުން 2025 ވަނަ އަހަރު "ކަންތާރާ" ފިލްމުގެ މަންޒަރަކަށް މަލާމާތް ކުރި ކަމަށް ބުނެ އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
"ޑޮން 3" އިން ވަކިވުމުން ރަންވީރާއެކު މަސައްކަތް ނުކުރަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ