ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ޑުރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމް ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ޑްރޯން ބޭނުންކޮށްގެން ޑުރަގު އެތެރެކުރަން އުޅުނު ގޮތުގެ އިތުރު ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޖަލަށް މަނާ ތަކެތި ވެއްދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވައްދާ މައްސަލަ ބޮޑެވެ. އެ މައްސަލައަށް ހައްލެއް ހޯދަން ފެބްރުއަރީ 28 ގައި ވަނީ އެ ޖަލުގައި ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ވަނީ ބަހައްޓައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ