ގެއްލުމުގެ ބަދަލު ކަނޑައެޅި އޮޑިޓް ރިޕޯޓު މަންދު ކޮލެޖަށް ދޭން ކޯޓުން އޮޑިޓް އޮފީހުގެ މައްޗަށް ހުކުމް ކޮށްފި

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތައް ވަޒަންކޮށް އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓު އެ ކުންފުންޏާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އައީ އެ ރިޕޯޓު ދޫކުރަން އޮޑިޓް އޮފީހުން ދެކޮޅު ހެދުމާ ގުޅިގެން މާލެ ހައި ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުގައެވެ.
ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ގެ މާލެ ހައި ކުންފުންޏަށް ލިބުނު ގެއްލުން ވަޒަންކޮށް އޮޑިޓް އޮފީހުން ތައްޔާރުކުރި މި ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި ނަމަވެސް، އެ ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ވަނީ އިންކާރުކޮށްފައެވެ. ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، އޮޑިޓާ ޖެނަރަލްގެ އޮފީހުން ދައުވާއަށް އެއްވެސް ޖަވާބެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ އެ ރިޕޯޓަކީ މާލެ ހައި ކުންފުންޏަށް ލިބެންޖެހޭ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން، އެ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަންދު ކޮލެޖު ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދޫކޮށްފައިވާ އިމާރާތް، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ 2015 ވަނަ އަހަރު އަތުލީ ޕީޕީއެމްގެ ވެރިކަމުގައެވެ. ނަމަވެސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފައެވެ. މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި އިން ވަނީ ދައުވާކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އެސެސްމަންޓް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ. ނަމަވެސް މާލެ ހައި އިން ބުނަމުންދަނީ މި ރިޕޯޓަކީ ކުންފުނީގެ ބަހެއް ނުހޯދައި އަދި އެއްވެސް ލިޔެކިޔުމަކަށް ބެލުމެއް ނެތި ތައްޔާރުކޮށްފައިވާ، ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފު ބާތިލް ރިޕޯޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ