ބަރުލަމާނީ ވޯޓު ނަގައި ތިން ވަޒީރުން ވަކިކުރަން އެމްޑީޕީގެ ތެރެއިން ޕްރެޝަރު ކުރި: އިބޫ

މިދިޔަ ސަރުކާރުގައި ވެރިކަމުގެ ނިޒާމު، ބަރުލަމާނީ އަށް ބަދަލުކުރުމަށާއި ތިން މިނިސްޓަރަކު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ އެތެރެއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކައިލް ނަސީމަށް ތާއީދު ހޯދުމަށް އައްޑޫ މަރަދޫގެ ބޭއްވި ބައްދަލުވުމެއްގައި އިބޫ ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެ ޕާޓީގެ ހުރިހާ މެމްބަރުން ގޮވައިގެން އެކުގައި ކުރިއަށް ދެވޭނެ ސިޔާސަތުތަކެއް ތަންފީޒު ކުރައްވާނެ ބޭފުޅަކު ޗެއާޕާސަންކަމަށް ގެނެސްގެން ކަމަށެވެ. 
މީކާއިލްގެ މެނިފެސްޓޯގައި ވެސް ހިމެނެނީ އެ ވާހަކަތައް ކަމަށް އިބޫ ވިދާޅުވި އެވެ. 
އިބޫ ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކު 2018 ކާމިޔާބުކޮށް ވެރިކަމަށް އައީ އެއްބަސްވުމެއްގެ ތެރެއިންނެވެ. އޭގައި ސަރުކާރުގެ މަގާމުތައް ދޭނެ ގޮތާއި މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބުގައި އަމަލުކުރާނެ ގޮތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. 
ނަމަވެސް އިބޫ ވިދާޅުވީ އޭރު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޕާޓީން އެކަނި ނިކުތުމަށް ކަމަށާއި އެހެންވެ އެ މަނިކުފާނު ވެސް އެކަމަށް ތާއީދު ކުރެއްވި ކަމަށެވެ. 
"އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގައި އޭރު ތިއްބެވި ބޭފުޅުން ނިންމެވީ، ގައުމީ މަޖިލީހުން ފާސްކޮށްގެން ނިންމެވީ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ދާނީ ވަކިން އެކަންޏޭ. އެއީ އަޅުގަނޑުމެންގެ ކޯލިޝަނު އެގްރީމަންޓުގައި އޮތް މާއްދާއަކާ ހިލާފު ކަމެއް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އަބަދުވެސް ގަބޫލުފުޅު ކުރައްވާ ހަމައަކީ ވެރިކަމަށް އެ ވަޑައިގަންނަވާ ބޭފުޅަކު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ހިންގުމުގެ ތެރެއަށް ނުވަދެ، އެކަމަކު ޕާޓީގެ ސިޔާސަތުތައް ވެސް ތަންފީޒުކުރާ މީހެއްގެ ގޮތުގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު މިހާރު ވެސް ގަބޫލުކުރާ ގޮތަކީ. އެހެންވެ ޕާޓީ ހިންގުން އޭރު ޕާޓީގެ ލީޑަޝިޕާއި ޕާޓީގެ ޗެއާޕާސަންގެ އަތުގައި މި އޮތް އޮތުމުގައި މި ދެންނެވިހެން ގައުމީ މަޖިލީހުން ފާސްކުރީ. އެއާ އެކީގައި އަޅުގަނޑުމެން އެގޮތަށް ދިޔައީ. އަޅުގަނޑުވެސް އޭގައި ބައިވެރިވެގެން ރައްޔިތުންގެ މަޖިލިސް ނެގުމުގެ މަސައްކަތް ކުރިއަށް ދިޔައީ،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ދުވަހާ ހަމައަށް ވެސް ސަރުކާރު ހިންގަމުން ދިޔައީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި އެކުވެރިކަމާ އެކު ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމުމާ އެކު، ސަރުކާރަށް ޕާޓީގެ ތެރެއިން އުނދަގޫތައް ކުރިމަތިވި ކަަމަށް އިބޫ ވިދާޅުވި އެވެ. 
އިބޫ ވިދާޅުވީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެމްބަރުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމުގައި އައި ހުށަހެޅުމަކީ ޕާލަމެންޓްރީ ގްރޫޕު ހިންގާނީ ސަރުކާރާ ވަކިން ކަމަށް ބައެއް ބޭފުޅުން ވިދާޅުވުން ކަމަށެވެ. 
"އެ ދުވަހާ ހިސާބަށް އަޅުގަނޑުމެން ވަރަށް އެކުވެރިކަމާ އެކު ސަރުކާރު ހިންގުމުގައި ވެސް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ. ރައްޔިތުންގެ މަޖިލިސް އިންތިހާބުވެ ނިމުމާ އެކީގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ނިންމި ނިންމެވުމަކީ ޕާލިމެންޓްރީ ގްރޫޕު ހިނގާނީ ސަރުކާރާ ވަކިންނޭ،" އެ ދުވަހުގެ ހަނދާންތައް އާ ކުރައްވަމުން އިބޫ ވިދާޅުވި އެވެ.  
"ތިމަންނަމެން ނިންމާ ނިންމުންތައް ނިންމާނީ މުޅިން ވަކިންނޭ. ސަރުކާރު އެއީ ވަކިން ހިނގާ އެއްޗެއްގެ ގޮތުގައި. ވަރަށް ދަތި ސިޗުއޭޝަނަކަށް އެ ވަގުތު އައި." 
އިބޫ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށްވި ވައުދުތައް ފުއްދެވުމަށް މަޖިލީހެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާއިރު އެމްޑީޕީގެ ބައެއް ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދާން އުނދަގޫވި ކަމަށެވެ. އެކަމަކު، އެގޮތަށް ސަރުކާރު ހިންގަން މަޖުބޫރުވި ކަމަށާއި ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކާއި ކޮންމެ މައްސަލައެއްގައި ލޮބީ ކޮށްގެން މެމްބަރުންގެ ތާއީދު ހޯދުމުގެ މަސައްކަތް ވެސް އޭރު ކުރެވުނު ކަމަށެވެ. 
އިބޫ ވިދާޅުވީ މަޖިލީހުގެ ތެރޭގައި އެ މަނިކުފާނާއި ސަރުކާރަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރަން ފެށި ކަމަށެވެ. އަދި އޭރު އޮތް އިދިކޮޅު ސިޔާސީ ޕާޓީއަށް ވުރެ އެ މަނިކުފާނުގެ ޕާޓީގެ ތެރެއިން ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާލުމަށް މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ. 
"... އެހެން އޮއްވައި މަޖިލިސް ތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާއި އަޅުގަނޑަށް ނިސްބަތްކޮށް ވާހަކަ ދައްކަން ފެށި. ވަގަށް ވެސް ގޮވަނީ. ހަޑިހުތުރު އެއްޗެހި ވެސް ގޮވަނީ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ވާހަކަ ވެސް ގޮވަނީ،" އިބޫ ވިދާޅުވި އެވެ.
"ހަގީގަތުގައި އޭރު އޮތް އޮޕޮޒިޝަނަށް ވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާލުމަށްޓަކާ އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު މަސައްކަތްކުރި. އެ ދަތީގައި އަޅުގަނޑު މަސައްކަތް ފެށީ."
އެ އުނދަގޫތަކާ އެކު ސަރުކާރު ހިންގަމުންދާތާ އަހަރެއް ނުވަނީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މަނިކުފާނަށް ގުޅުއްވައި އެ އަހަރުގެ ތެރޭގައި ރިފަރެންޑަމަކަށް ދާން ބޭނުންފުޅު ކަމަށް ހިއްސާ ކުރައްވާފައި ކަމަށް އިބޫ ވިދާޅުވި އެވެ. އެކަމަކު ކޯލިޝަން އެގްރީމަންޓެއް އޮތް ކަމާއި ދައުރު ނިމުމުން، ދެން ރައްޔިތުން ކައިރިއަށް ދާއިރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް ނަޝީދަށް އެންގެވި ނަމަވެސް އެކަން ގަބޫލުފުޅު ނުކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.  
"އަޅުގަނޑު ދެންނެވިން ރައީސް ނަޝީދަށް އަޅުގަނޑުމެންގެ އެބަ އޮތޭ އެގްރީމަންޓެއް. އެޔަކު ނެތޭ އެ ވާހަކައެއް. އެހެނެއް ނޫނޭ އަޅުގަނޑުގެ ދައުރު ނިމުނީމަ އެ އަށް ދެވިދާނެއޭ. އެކަމަކު އެއީ ގަބޫލުކުރެވޭ ކަމަކަށް ނުވި އެ ބޭފުޅާއަށް [ނަޝީދު] އެވަގުތު. ދެން އެ ހިޔާލު ތަފާތުވުމުގައި އެ ދަތީގައި އަޅުގަނޑު ސަރުކާރު ހިނގަމުންދިޔައީ،" 
ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް އައީ އެ ދަތީގައި ސަރުކާރު ހިންގަމުންދަނިކޮށް ކަމަށާއި އެކަމަކު އޭރު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ހިފެހެއްޓުނު ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް ކުރިއަށް ދަނިކޮށް ނަޝީދު ވަނީ އިބޫ ހިމެނޭ ގޮތަށް ވަޒީރުންނާއި މަޖިލިސް މެމްބަރުންނަށް ވެސް 2023 ގެ ކުރިން ރިފަރެންޑަމަކަށް ދާން ބޭނުންވާ ކަމާއި ބަރުލަމާނީ ނިޒާމުގެ ތެެރެއިން ނަޝީދު ބޮޑުވަޒީރަކަށް ވާން ބޭނުންފުޅު ޚަބަރު މެސެޖެއް މެދުވެރިކޮށް ހިއްސާކުރައްވާފައި ކަމަށެވެ. 
"އަނެއްކާ ވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން. ހިނގާށޭ މި ދައުރު ނިންމަން. އޭގެ ފަހުގައި ރައްޔިތުން ގާތަށް ދާނީއޭ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ރައްޔިތުން ތިބޭ އޭރު ބަރުލަމާނީ ނިޒާމަކަށް ދާގޮތަކަށް ނޫނެވެ. އޭރު ހެދި ދިރާސާތަކުން ވެސް ފެންނަނީ ބަރުލަމާނީ ނިޒާމަށް އެންމެ ތާއީދު ބޮޑުވިޔަސް ލިބޭނީ 20 ޕަސެންޓް ކަމަށާއި އެހެން ނާކާމިޔާބުވާނެ ކަމެއްގައި ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ ކަމެއް ކުރުމަކީ ދެން އޮތް އިންތިހާބު ނާކާމިޔާބު ވެދާނެ ކަމެއް ކަމަށް ފެނިވަޑައިގަތް ކަމަށް އިބޫ ވިދާޅުވި އެވެ. 
"އަޅުގަނޑުމެން އޭރު ކުރި ދިރާސާތަކުން ފެންނަނީ ބަރުލަމާނީ ނިޒާމަށް އެންމެ ތާއީދު ބޮޑުވިޔަސް ލިބޭނީ 20 ޕަސެންޓު ވަރު ކަމަށް. މިހެން އޮތް ކަމެއްގައި ނާކާމިޔާބުވާނެ ކަމެއްގައި ރިޔާސީ އިންތިހާބުގެ ކުރިން ގޮސް އެ ނާކާމިޔާބާ އެކު ރިޔާސީ އިންތިހާބަށް ގޮސްފި ނަމަ ކަނޑައެޅިގެން ރިޔާސީ އިންތިހާބު ގެއްލޭ ތަނޭ ފެންނާނީ،" 
އޭގެ ފަހުން 2023 ގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދާއި އިބޫ ވެސް ކުރިމަތިލެއްވިއިރު ދެ ބޭފުޅުން ވެސް ތިއްބެވީ ޕްރިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކާ އެކު ކުރިއަށް ދާން ކަމަށް ވިދާޅުވި ނަމަވެސް އެކަން ނަޝީދުގެ ފަރާތްޕުޅުން ނުފެނުނު ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ ފަހުން އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ އެވެ. 
އެކަމަކު ނަޝީދާ އެކު މަޝްވަރާ ކުރައްވައި އެކުގައި ކުރިއަށް ދެވޭތޯ އިބޫގެ އިތުރުން ވެސް އެހެން ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ޕްރޮޕޯޒަލެއް ހުށަހެޅި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި އިބޫ ވިދާޅުވީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ބައިވަރު ހުށަހެޅުން އައި ކަމަށާއި އޭގެ ތެރޭގައި ބަރުލަމާނީ ވޯޓު ނެގުމާއި ތިން މިނިސްޓަރަކު ވަކިކުރުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކީ އަމީރު ކަމަށް އިބޫ ވިދާޅުވި އެވެ. 
އިބޫ ވިދާޅުވި ގޮތުގައި ނަޝީދު ބޭނުންފުޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އަދި މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ރިފަރެންޑަމެއް ބޭއްވުމަށެވެ. 
އޭރު ރިޔާސީ އިންތިހާބު ނާކާމިޔާބުވި މައިގަނޑު ސަބަބަކަށް އިބޫ ވިދާޅުވީ އެކި ފަރާތްތަކުން ދެއްކި ދޮގު ވާހަކަތަކަށް އޭރު ސަރުކާރު ރައްދު ނުދިނުން ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑުގައި ވެންޓިލޭޓަރު ވަގަށް ނެގި ކަމަށް ދެއްކެވޭ ވާހަކަތަކާއި ކަނޑު ވިއްކާލި ކަމަށް ދެއްކެވުނު ވާހަކަތަކުގެ އިތުރުން ޕޮލިސް ޓްރެއިނިން ސެންޓަރުގެ ބިންގަރާހުގައި 2000 އިންޑިއާ ސިފައިން އަދި މުޅި ރާއްޖޭގައި ވެސް އިންޑިއާ ސިފައިން ތިބި ކަމަށް ދެއްކި ވާހަކަތަކަށް ޖަވާބު ނުދެވުމަކީ ދިިމާވި މައްސަލަ ކަމަށް އިބޫ ވިދާޅުވި އެވެ. 
ފެއިލްވީ ވަކި މީހެއްގެ ސަބަބުން ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު 2023 ގެ ނާކާމިޔާބީގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހެނީ އަމިއްލަފުޅަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން އެހެން މީހެއްގެ ބޮލުގައި އަޅުވައި ރެކެން ބޭނުންފުޅު ނުވާ ކަމަށާއި އެކަމަކު މީހުން ދައްކާ ވާހަކަތައް އަޑުއައްސަވައި އޭގެ ހަގީގަތް ހޯދުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އިބޫ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ