ދުންފަތުން ދިވެހީން ދުރުކުރުމަށްޓަކައި 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަނީ

ދިވެހީން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފައިވާކަން ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ހަތަރު ވުޒާރާއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ. ޤީލާ ވިދާޅުވީ ދިވެހިރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ބައެއް ފިޔަވަޅު އެޅިކަން ފާހަގަކުރައްވައި ޤީލާ ވަނީ 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މިދިޔަ އަހަރު މަނާކުރުމަށް ޖެނެރޭޝަން ބޭން ތައާރަފުކުރުމާއި، 2023ވަނަ އަހަރުގެ ފަހުކޮޅު ވޭޕް ގެންގުޅުމާއި ބޭނުންކުރުން މަނާކުރިކަން ފާހަގަކުރައްވައިފައެވެ. އެފަދަ ފިޔަވަޅުތައް ސަރުކާރުން އަޅައިފައި ވަނީ ދިވެހީންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް ރާއްޖޭގައި 84 އިންސައްތަ މީހުން މަރު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުކުންނަ ތަފާތު ހިރާސްތަކުގެ ސަބަބުން ކަމަށް ވެސް ޤީލާ ވިދާޅުވިއެވެ. އެފަދައިން ވިދާޅުވެ އޭނާ ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް ލޯންޗުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ. "ކުރިއަށް މި އޮތް ފަސް އަހަރު ދުވަހަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި، ގައުމީ ކެމްޕެއިނެއް މިއަދު ލޯންޗުކުރެވިގެން މި ދަނީ،" ޤީލާ ވިދާޅުވިއެވެ. އޭނާ ވަނީ މި ކެމްޕެއިންގައި އާންމުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި ދުންފަތުގެ ނުރައްކަލާއި، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، އާއިލާތަކަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި ޖަމިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޭޕްރިލް މަހުގެ 20ވަނަ ދުވަހު ހުޅުވާލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ