މިނިވަން މީޑިއާ އާއި މިނިވަން ހިޔާލުގައި ތަޅު އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅު ހެދުމަށް އަދި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމަށް އަވައްޓެރި ސްރީލަންކާގެ ނޫސްވެރިން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި އެވެ.
ލަންކާގެ ނޫސްވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަރެއްގައި ބުނީ މި މުޒާހަރާ އޮންނާނީ ލަންކާ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާއިރު ކަމަށެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރީ ލަންކާގެ ރައްޔިތުންނަށް ވެސް މުޒާހަރާއަށް ވަނީ ދައުވަތު ދީފަ އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވެސް މި މުޒާހަރާތަކުގައި ބައިވެރިވާނެ ކަމަށް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
މަޖިލީހުން އިއްޔެ ބިލު ފާސްކުރީ ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން މަޖިލިސް ކައިރީގައި ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. ބިލަށް ވޯޓަށް އެހީ މަޖިލީހުގެ ތަޅުމުގައި ބިލާ ދެކޮޅަށް އަޑުއުފުލި އިދިކޮޅު އެމްޑީޕީ މެންބަރުންގެ ނަން އިއްވާ ތަޅުމުން ނެރުމަށްފަހު އެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުހައްމަދު މުއިއްޒު ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލު ފާސްކުރުމާއެކު ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވެސް ވަނީ ގޮވާލާފަ އެވެ.
ހިޔާލާއި ފިކުރުގައި ތަޅު އެޅުވޭ ބިލު ފާސް ކުރުމުން އެމެރިކާ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.
ދިވެހި ނޫސްވެރިންގެ ހައްގުގައި ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި ދިވެހި ނޫސްވެރިންގެ ހައްގުގައި ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ