ﷲ ތަޢާލާއަށްޓަކައި ލޮލުން ކަރުނަތިއްކެއް ވައްޓާލަން އެދޭމީހާ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

ޤުރްއާން ކިޔަވާއިރުގައާއި ޛިކުރުކުރާއިރު ބައެއް މީހުންނަށް ކަރުނަ އަޅައި ރޮވިފައި އަނެއް ބައަކަށް ނުރޮވެނީ ކީއްވެގެން ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އެމިސްކިތަކީ ގިނަ ބައަކު ޝަހާދަތްކިޔައި އިސްލާމްވަމުން އަންނަ މިސްކިތެކެވެ. އަހަރެން ވެސް ވާނީ އެ މިސްކިތުގައި ގިނަ ބައަކަށް ޝަހާދަތް ލައިދީފައެވެ. އެއިގެ ތެރެއިން ޝަހާދަތް ލައިދިން ވަގުތު ލޮލުން ކަރުނައަޅައި ރުއި 19 އަހަރުގެ އަންހެން ކުއްޖަކާއި 60 އަހަރުން މަތީގެ އަންހެނެއްގެ ހަދާން ވަރަށް ބޮޑަށް ހުރެއެވެ.
އެތަނުން 60 އަހަރުންމަތީގެ އަންހެން މީހާ އެދުވަހު އަހަރެންނާއި ބައްދަލުކުރިއެވެ. އަދި އޭނާއަށް ރޮވުނު ސަބަބު ކިޔައިދިނެވެ. އޭނާ ބުނީ އޭނާ އިސްލާމް ނުވި ނަމަވެސް މުޅި އުމުރުގައިވެސް ޝަހާދަތް ކިޔަމުން އައި ކަމަށެވެ. އެކަމަށް ވިސްނަމުން އައިކަމަށެވެ. އެދުވަހު ރޮވުނީ ހިތަށް ލިބުނު އުފާވެރިކަން ބޮޑުކަމުން ކަމަށެވެ.
އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއި އިތުބާރު ބޮޑުކަމުންނެވެ. ދިރިއޮތް ސަލާމަތް ހިތަކާއިގެން ޝަހާދަތް ކިޔުނީތީއެވެ. އަހަރެމެން އިސްލާމް ދީނުގައި މުޅި އުމުރު ހޭދަކުރާއިރު ކޮންމެ ދުވަހަކު އެތައް ފަހަރަކު ޝަހާދަތްކިޔާއިރު އަހަރެމެންގެ ލޮލުން ކަރުނަ ތިއްކެއް ނުވެއްޓެނީ ކީއްވެގެން ހެއްޔެވެ؟ ދުލުން ކީ ނަމަވެސް ހިތުން ނުކިޔޭތީއެވެ. ޝަހާދަތް ކިޔަންވީ މާނައިގައި ނުކިޔޭތީއެވެ.
ދުލުން ޝަހާދަތް ކީ ނަމަވެސް ހިތުން ނުކިޔޭތީއެވެ. ޝަހާދަތުގެ މާނައަށް ނުވިސްނޭތީއެވެ. ޝަހާދަތްކިޔައިގެން ހުންނަ މީހާގެ ޒިންމާތަކަށް ވިސްނައި ނުލެވޭތީއެވެ. ކުރުކޮށް ބުނާނަމަ ހިތުގައި ﷲ ތަޢާލާއަށާއި ރަސޫލް (ﷺ)އަށް އޮންނަން ޖެހޭ ޙަޤީޤީ ލޯބި ނެތުމުންނެވެ. ބިރުވެތިކަން ނެތުމުން ނެވެ. ހިތް މަރުވެފައި އޮތީތީއެވެ.
ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިންސާނާގެ ހުރިހާ ކަމެއް ވަނީ ހިތުގައި ކަމަށެވެ. ވީމާ އިންސާނާ ދިރުމާއި މަރުވުން ވަނީ ހިތުގައެވެ. ހިތް ރަނގަޅު ވެއްޖެ ނަމަ މީހާގެ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމާއި ހިތް ނުބައިވެއްޖެ ނަމަ ނުވަތަ ގޯސްވެއްޖެ ނަމަ މީހާގެ ހުރިހާ ކަމެއް ގޯސްވާނެކަންވެސް އެނގެން އޮތުމުން ހިތް މަރައިލުމާއި ދިރުވުމުގެ މައްޗަށް ވިސްނައިލަން އެބަ ޖެހެއެވެ.
މީސްތަކުންނޭވެ! ބައެއް މީހުން ބުނެއެވެ. ކިތަންމެ ވަރަކަށް ނަމާދުކުރި ނަމަވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަޅުކަން ކުރި ނަމަވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެކަން އެގޮތަށް މެދުވެރިވާނަމަ ފުރަތަމަވެސް ވިސްނައިލަންވީ ނަމާދުކުރުމުން ނުވަތަ އަޅުކަން ކުރުމުން ހިތްހަމަޖެހުން ލިބިގަންނަން ތިމާއަށް ކުރެވުނީ ކޮން ކަމެއް ކަމާއިމެދުގައެވެ.
މަރުވެފައިވާ ހިތަކާއިގެން ނަމާދުކޮށް އަޅުކަން ކުރި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ އަހަރެމެން ނަމާދުކޮށް އަޅުކަން ކުރަނީ ދުލާއި ބޭރުފުށުގެ ގުނަވަންތަކުން ނަމަވެސް މިހުރިހާ ކަންކަމެއް ގޮސް ގުޅެނީ ތިމާގެ ހިތާއިއެވެ. ހިތުން އަދާކުރަންޖެހޭ ދައުރު އަދާ ނުކުރެވޭނަމަ އެއްވެސް އަޅުކަމެއް އަޅުކަމަކަށް ނުވާނެއެވެ. ވީމާ ކޮންމެ އަޅުކަމެއް ކުރި ނަމަވެސް ހިތް ދިރުވައި ބާއްވަން އެބަ ޖެހެއެވެ.
--އިމާމް ޢުމަރު ސުލޭމާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ