ރާއްޖޭގެ ސައިޒު ކުޑަ އެކަމަކު ފުޓްބޯޅައިގެ ހުނަރު އެބައޮތް: އިންފަންޓީނޯ ރާއްޖޭގެ ސައިޒު ކުޑަ އެކަމަކު ފުޓްބޯޅައިގެ ހުނަރު އެބައޮތް: އިންފަންޓީނޯ

ރާއްޖެ އަކީ ސައިޒަށް ބަލާއިރު ކުޑަ ގައުމެއް ކަމުގައި ވިޔަސް ފުޓްބޯޅައިގެ ހުނަރު އޮތް ގައުމެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯ ހިމެނޭ ގޮތަށް ފީފާގެ ވަފުދެއް އިއްޔެ ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. މިއީ، 2006 ވަނަ އަހަރު ފީފާގެ އޭރުގެ ރައީސް، ސެޕް ބްލެޓާ އަށް ފަހު، ފީފާގެ ރައީސަކު ރާއްޖެ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރެވެ. މި ދަތުރުގެ ތެރެއިން އިންފަންޓީނޯ ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގެ ތެރެއިން، އިންފަންޓީނޯ ވިދާޅުވީ، ރާއްޖޭގައި ފުޓްބޯޅަ އަށް އޮތް ފޯރި ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ ޖޯޝް އާލާ ކުރުމަކީ ފީފާގެ އަށް އޮތް ޒިންމާއެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
"އެކަން ކުރުމަށްޓަކައި، އަހަރެމެންނަށް ކުރެވުނު ކަމެއް ކުރަން ޖެހޭ، ސްކޫލްތަކާ ހަމައަށް ފުޓްބޯޅަ ގެނައުން ކަމަށް ވިޔަސް، ފުޓްބޯޅައިގެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށް ވިޔަސް، އެއީ، ހަގީގަތުގައި ރާއްޖެ އަކީ ސައިޒުގެ ގޮތުން ކުޑަ ގައުމަކަށް ވިޔަސް އެކަމަކު، މިއީ ވަރަށް (ފުޓްބޯޅައިގެ) ހުނަރުވެރި ގައުމެއް،" ފީފާ ވެބްސައިޓުގައިވާ ރާއްޖޭގެ ދަތުރުގެ ހަބަރުގައި، ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.
އެ ބައްދަލުވުުމުގައި، ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ އެއް ވަނަ ކުޅިވަރަކީ ފުޓްބޯޅަ ކަމަށާއި އެންމެން ވެސް ފުޓްބޯޅަ ދެކެ ލޯބިވާ ކަމަށެވެ.
"އަހަރެމެން ބޭނުން (މި ގައުމުގެ ހުނަރުވެރި) ކުދިން ދުނިޔޭގެ ލެވަލަށް ދާތަން ދެކެން. އެ ކުދިންނަށް ބޭނުންވީ ވަރަށް ވަރުގަދަ ސަޕޯޓް. ރާއްޖެ އެންމެ މަތީ ހަރުފަތަށް ގެންދިއުމަށްޓަކައި. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ރާއްޖެ އަށް މި ދަތުރުކުރެއްވީތީ، މިއީ މުޅި ގައުމަށް ލިބޭނެ ބޫސްޓެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިންފަންޓީނޯ އާއި ރައީސް މުއިއްޒު ވަނީ، އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން ކުޅުނު ހާއްސަ މެޗުގައި ކުޅުއްވައިފަ އެވެ. ރައީސް މުއިއްޒުގެ ޓީމަކާއި ފީފާގެ ޓީމެއްގެ ދެ މެޗުގައި ކުޅެވުނު މި މެޗުން މޮޅުވީ 6-4 އިން ފީފާގެ ޓީމެވެ.
އިއްޔެ، ރާއްޖޭގެ އެކަޑަމީތަކުން 500-700 ކުދިން ބައިވެރިވެގެން ކުރިއަށްދިޔަ ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން، ރައީސް މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، ޑައިމަންޑް ޖޫބިލީގެ އިވެންޓްގެ ލޯގޯ އިފްތިތާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ