ގުޅީފަޅުން ގޯތި ލިބުނު 2،000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން ބާތިލްކުރި ގޯތިތަކުގެ އެއްބަސްވުން އަލުން ރަޖިސްޓްރީކުރަން ފެށިފަހުން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުންނާ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް މީގެކުރިން ދޫކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށްފަހު މިހާރު 2،032 މީހުންނަށް ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކޮށްފައިވާކަމަށެވެ.
ލޭންޑް ޔޫސްޕްލޭނަށް ގެނައި ބަދަލަށްފަހު ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އަލުން ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމުގެ މަސައްކަތް ފެށީ ޖުލައިމަހުގެ ތެރޭގައެވެ. އަދި ރަޖިސްޓްރީތައް ދޫކުރަން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ބިންތައް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރަން ފެށުން -- ފޮަޓޯ: މިނިސްޓްރީ
ގުޅީފަޅުން ގޯތި ދޫކުރުން ލަސްވެފައިވަނީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދިއުމާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން ކުރިން ގޯތިތައް ދޫކުރި ތަންތަން ތަރުތީބުކުރަން ޖެހުމުންނެވެ. ގުޅީފަޅުން ގޯތި ދިނުމަށް 150 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުން 3،520 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ