ޢިބްރަތްތެރި ވާހަކަ: ކާނެއެއްޗެއް ނުލިބި ބަނޑުހައިކަންމަތީގަ ހުރި މީހެއްގެ ހައިހޫނުކަން ފިލުވައިދިނުމުން ބޮޑު ރަޙްމަތެއް ލިބުނު މީހެއްގެ ވާހަކަ-

އަބަދުވެސް ނަޞީޙަތްތެރިވާ ފަދައިން ދަތިޙާލުގައި ހުރި މީހަކާއި ބައްދަލުވެއްޖެނަމަ އޮތީ ފުރަގަސްދީ އެމީހެއްގެ ކިބައިން ސަލާމަތްވުމެއް ނޫނެވެ. އުފާކުރުމެވެ. އެންމެ ބޮޑު އުފަލަކަށް ހަދަންވީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ދެއްވެވި ކަމެވެ.  
އެހެން ނަމަވެސް ދަތިޙާލުގައި ހުރި މީހަކު ފެނިއްޖެނަމަ ގިނަ މީހުން މަސައްކަތްކުރާނީ އެމީހަކާއި ކައިރިނުވެ ދުރަށް ދެވޭތޯއެވެ. ދުރުދުރުން ލާފައި ދެވޭތޯއެވެ. އެއީ ކަމަކު އޭނާ އެދިފާނެ ކަމަށްޓަކައެވެ. އެގޮތަށް އެކަން ނުކުރުމަށާއި ދަތިޙާލުގައިވާ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  
ވަލީދާއަކީ މިހާރު މަގުމަތީގައި ސަލާންޖަހައިގެން ކައިބޮއި އުޅެންޖެހިފައިވާ އަންހެނެކެވެ. އާދައިގެމަތިން ވަކިލާރިއަކަށް އެދި ސަލާންޖަހަންހުއްޓާ ބައްދަލުވި ފިރިހެނަކު އޭނާ އާއިއެކު ސައިބޯން ކެފޭއަކަށް ވަނުމަށް ދަޢުވަތުދިނެވެ.  
ވަލީދާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އޭނާގެ ނިޔަތަކީ ކޮބައިބާވައެވެ! އެހައި ސްމާޓްކޮށް ހެދުން އަޅައިގެން ހުރި ފިރިހެނަކު މިހައި ފަޤީރު ހެދުމުގައި ހުރި އަންހެނަކަށް އޭނާ އާއިއެކު ސައިބޯން ދައުވަތުދިނީ ކީއްވެގެންބާވައެވެ! އަތަށް ލާރިދީފައި ސައިބޯން ނުބުނީ ކީއްވެގެންބާވައެވެ! އަހަރެން ހުރީ ބަނޑުހައިވެގެން ނޫންކަމަށް އޭނާއަށް ހީކުރެވުނީ ބާވައެވެ!  
މިފަދަ އެތައް ސުވާލުތަކެއް ހިތުގައި އުފެދުނުނަމަވެސް ބަނޑުހައިވެގެންހުރިވަރުން ލިބުނު ދައުވަތު ޤަބޫލުކުރިއެވެ. ކެފޭއަށް ވަނުމުން ގިނަބައަކު ކަޅިއެޅިއެވެ. އެއީ އެހައި ތަފާތު ގޮތަކަށް ހެދުން އަޅައިގެން ތިބި ދެމީހަކު އެކުގައި ތިބުމުންނެވެ.  
ސައިބުއިމުގެތެރޭގައި ފިރިހެން މީހާ ސުވާލުކުރިއެވެ. ކުރިން ރެސްޓޯރަންޓެއްގައި މަސައްކަތްކުރިންތޯއެވެ. ޖަވާބުގައި އޭނާ ކިޔައިދިނެވެ. "ރެސްޓޯރަންޓެއްގެ ކޭޝިއަރަކަށް މަސައްކަތްކުރީމެވެ. އެތަނުގެ ވެއިޓަރަކު އަހަރެންގެ ބޮލުގައި އެޅުވި އިލްޒާމެއްގެ ސަބަބުން ވަޒީފާއިން ވަކިކުރީއެވެ. ވައްކަންކުރިކަމުގެ އިލްޒާމްކަމަށްވުމުން އެހެން ތަނަކުންވެސް ވަޒީފާއެއް ނުލިބުނީއެވެ. ސަލާންޖަހަން ޖެހުނީ ކުރާނެ އެއްވެސް މަސައްކަތެއް ނުލިބުމުންނެވެ." 
ޒުވާނާ ވަގުތުން އޭނާގެ ބިޒްނަސްކާޑް އަންހެން މީހާއަށް ދިނެވެ. އަދި ބޭނުންނަމަ އޭނާގެ ކުންފުނިން ވަޒީފާއެއް ދޭނެކަމަށް ބުނެފައި ލާނެ ހެދުންގަނެހަދަން ފައިސާކޮޅެއްވެސް ދިނެވެ.  
ވައްކަންކުރިކަމުގެ އިލްޒާމް އެޅިފައިހުއްޓައި އެހައި ފަސޭހައިން ވަޒީފާއެއް ދޭން ނިންމި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ.  
"އަހަރެންނަކީ މިރަށުގެ މީހެއް ނޫނެވެ. މީގެ އަހަރުތަކެއްކުރިން މިރަށަށް އައިސް އުޅުނީ މީހެއްގެ ވަޒީފާގައެވެ. އޭނާގެ ވިޔަފާރީގެ ކަންކަމުގައެވެ. އެގޮތަށް އައިސް އުޅުމުގައި އެއްފަހަރު އަހަރެންގެ އަތުން ފައިސާ ހުސްވިއެވެ. ފުރަން އޮތް ދުވަހު ހެނދުނު ސައިބޮވޭނެ ގޮތެއްވެސް ނެތިގެން ރެސްޓޯރަންޓަކަށް ވަނުމުން ބައްދަލުވީ ތިބާ އާއިއެވެ. އަހަރެންގެ ޙާލަތު ބުނެދީފައި ބޮއެލާނެ ސައިތަށްޓަކަށް އެދުމުން ތިބާ އަހަރެންނަށް ހެނދުނުގެ ނާސްތާއެއް ދިނީމުއެވެ.  
ދުވސްތައް ފާއިއތުވެ މިއަދު އަހަރެންނަކީ މިރަށުގައި އަމިއްލަ ވިޔަފާރިކުރާ މީހަކީމެވެ. އަހަރެންނަށް މިވަގުތުވެސް ވަނީ ސެކެޓްރީއެއް ބޭނުންވެފައެވެ. އެވަޒީފާއަށް ތިބާއަށްވުރެ ޙައްޤުކަން ބޮޑީ ކާކުހެއްޔެވެ؟"  
ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ! މީގެ އަހަރުތަކެއް ކުރިން ހައިހޫނުކަމުގައި ހުރި މީހަކަށް އޭނާދިނީ ހެނދުނުގެ ނާސްތާއެކެވެ. އެއިގެ ބަދަލުގައި، އޭނާ މަގުމަތީގައި ސަލާންޖަހާ މީހަކަށް ހުއްޓައި އޭނާއަށް މިއަދު އެލިބުނީ ފުދިގެން ދިރިއުޅެވޭނެ ވަޒީފާއެކެވެ.
ދަތި، ނިކަމެތި ޙާލުގައި ޖެހިފައިވާ މީހެއްގެ ބޭނުމެއް ފުއްދައިދީފި މީހަކަށް މާތް ﷲ ރަޙްމަތް ލައްވަވާނެކަމަށް އޮންނަ ބަސްފުޅު އަރައި އޭނާ އާއި އެހަމަކުރީ އަހަރުތަކެއް ފަހުންނެވެ. އެންމެ ބޮޑަށް ބޭނުންޖެހުނު ވަގުތުއެވެ.  
ނިކަން ބުނެބަލާށެވެ! މިފަދަ ހާދިސާތައް ޢިބްރަތަކަށް ނުފުދޭހެއްޔެވެ؟
 
- މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ