ފަހަރުގައި މި ސުވާލު އުފައްދައި، ޖަވާބެއް ލިޔަން މި އުޅެނީ ތަންކޮޅެއް އަވަހަށް ކަމަށް ވެދާނެ އެވެ. އެކަމަކު މި ވާހަކަތަކީ ވެރިކަން ހިންގާ ޕީއެންސީގެ ރޫޅިފައިވާ ޕާލިމަންޓަރީ ގުރޫޕަށާއި ސަރުކާރު ފެނި ހޮޑުލައިވެގެންފައި ތިބި ވިޔަފާރިވެރިންނަށާއި އެތެރޭގެ ހަމަނުޖެހުންތަކުން އަރައިނުގަނެވިގެން އުޅޭ އެމްޑީޕީގެ ވެސް ސިޔާސީ ކުރިމަގާމެދު ވިސްނާ ކޮންމެ މީހަކަށް މި ވަގުތު އެނގުން މުހިންމު ވާހަކަތަކެކެވެ.
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ ކޮންގްރެސްގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނޮވެމްބަރު 2013 އިން ނޮވެމްބަރު 2018 އަށް ފުރުއްވި އަބްދުﷲ ޔާމީން ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެ ކަމަށެވެ.
"ރައީސް ޔާމީންގެ ނަން އިރާދު ކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ."
އެ މަނިކުފާނުގެ އާންމު ސްޓައިލުގައި، ވަރަށް ޖޯޝާއި ފޯރީގައި މި ވާހަކަތައް ދެއްކިވިއިރު، މި ވަގުތު ވެސް ކޯޓުތަކުގައި އެ މަނިކުފާނުގެ ދެ މައްސަލައެއް އެބަ އޮތެވެ. އެ މައްސަލަތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން އެމަނިކުފާނު ޖަލަށް ލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި "މާފުށްޓަށް ނުފައިބާނަން" ކަމަށް ވެސް ވިދާޅުވި އެވެ. އިޝާރާތް އެ ކުރެއްވީ ދެން ޖަލަށް ނުލެވޭނެ ވާހަކަ އަށް ކަމަށް ބެލެވެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީންގެ އަތުގައި އޮތް ނަމަވެސް ވާދަ ނުކުރެއްވުނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގައި މަނީ ލޯންޑަކޮށްފައިވާ ކުރެވުނު ތުހުމަތު ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމެއް ދެމިއޮތުމުންނެވެ.
ޑިސެމްބަރު 25، 2022، ގައި އިއްވި އެ ހުކުމުން ޔާމީން މިނިވަން ވީ 2024 ގެ އޭޕްރީލް މަހު އެވެ. އެއީ ހައި ކޯޓުން މައްސަލަ އަލުން ބަލަން ހުކުމް ކުރުމުންނެވެ. ހައިކޯޓުން ނިންމީ އާ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށެވެ. ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ޔާމީންގެ މައްޗަށް ކޮށްފައިވާ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.
ޔާމީންއަށް އެންމެ ފުރަތަމަ ޖަލު ހުކުމެެއް އިއްވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގަ އެވެ. އެ މައްސަލައިގައި އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
އާރަށް އަދި ފުއްގިރީގެ މައްސަލަ މިހާރުން މިހާރަށް ކްރިމިނަލް ކޯޓުން ނިންމިޔަސް، ހައިކޯޓާއި ސުޕްރީމް ކޯޓު މަރުހަލާ ނިމެން ވަރަށް ގިނަ ދުވަސް ނަގާނެ އެވެ. ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އެބައޮތެވެ.
ނަމަވެސް ޖަލު ހުކުމެއް އޮއްވައި ރިޔާސީ އިންތިހާބުގައި ވާދަކުރުން ގާނޫނީ ގޮތުން ތަންނުދޭ ކަމަށް ސުޕްރީމް ކޯޓުން ނިންމިއިރު، އެކޯޓުގެ ބެންޗުގައި ތިބި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގައި މިހާރު ނެތެވެ. އެއާއެކު އައު ހަތަރު ފަނޑިޔާރެއް ސުޕްރީމް ކޯޓަށް ވަނީ އައްޔަންކުރެވިފަ އެވެ. އެހެންކަމާއެކު މި މައުލޫގައި އަލަށް އައްޔަންކުރެވުނު ފަނޑިޔާރުންގެ ރައުޔު އަދި މިހާތަނަށް އެނގޭކަށް ނެތެވެ.
އެމްޑީޕީގެ ނިމިގެންދިޔަ ވެރިކަމުގައި އައްޔަންކުރެވުނު ހަތް ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމާއި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރިކުރުން ސިޔާސީ މީހުން ގުޅުވަނީ ސިޔާސީ ކަމަކާއެވެ. އަދި އުއްތަމަ ފަނޑިޔާރަށް ރިޓަޔަކުރައްވަން މި ސަރުކާރުން ފުރުސަތު ދެއްވި ދެއްވުން ސިޔާސީ މީހުން ސިފަކުރަނީ އެއީ މިސަރުކާރާއެކު އުއްތަމަ ފަނޑިޔާރު ހެއްދެވި ޑީލެއްގެ ގޮތުގަ އެވެ.
ސިޔާސީ މީހުން ގަބޫލުކުރާ އަނެއް ހަގީގަތަކީ، މި އެރި ރޯޅީގައި ފަނޑިޔާރު އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ޝުޖޫން ސަލާމަތްވެވަޑައިގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެވެސް ކަމެއް އަދި ފާޅުނުވާކަމަށެވެ. ސުޕްރީމް ކޯޓުން ވަކި ކަމެއްގައި ކުރިން ނިންމާފައި އޮންނަ ނިންމުމެއް އެހެން ގޮތަކުން ބަދަލުކުރުމަކީ، ކުރެވިދާނެ ކަމެއް ކަމަށް މި ތިންބޭފުޅުން ވެސް ގަބޫލުފުޅުކުރައްވަ އެވެ.
ދެން މިވަގުތު ތިއްބެވީ އަލަށް އައްޔަންކުރެއްވުނު އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުމާމެދު ސީދާ ވިސްނާވަޑައިގަންނަވާ ގޮތް އެނގެން އަދި ނެތް އައު ހަތަރު ބޭފުޅުންނެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން ދެބޭފުޅުންނަކީ، އެމްޑީޕީ ސަރުކާރުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވުނު ދެ ބޭފުޅުންނެވެ. ދެން ތިއްބެވި ދެބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޝަހީދަކީ، މެޖިސްޓްރޭޓެއްގެ މަގާމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެފަހުން ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ވަރަށް އަވަހަށް ނަގުލުވެވަޑައިގެންނެވި ބޭފުޅެކެވެ. ފަނޑިޔާރު ޝަހީދުގެ މަގާމުގެ ކުރިއެރުން ފަސް އަހަރެއްހާ ދުވަހަށް މަޑުޖެހިލީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައެވެ. މާތުރަ، އޭނާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ލިބިވަޑައިގަތީ އެމްޑީޕީ ވެރިކަމުގައެވެ.
އެއްގޮތަކަށް ވެސް ފަނޑިޔާރުންނަކީ، ސަރުކާރު ބަދަލުވާ ނުވަތަ ބަދަލުވެދާނެ ގޮތަކަށް ބަލައިގެން ހުކުމްކުރާ ބަޔެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑު މިދަންނަވާލަންއުޅެނީ ސިޔާސީ މީހެއްގެ ނަޒަރުން ކުރިމަތިވެގެން ހިނގައިދާނެ ސިޔާސީ ވިސްނުންތަކެއްގެ ދޭހަތަކެކެވެ.
މި ވަގުތު ސުޕްރީމް ކޯޓަށް ދިމާވެފައިވާ ހާލަތަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ގޮނޑިވެސް ހިމާޔަތްވުން ގާތީ، އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ދެކޭނެ އެވެ. އެހިސާބުން ކުރިމަތިވާ މައްސަލައަކީ އެމްޑީޕީއާ ވާދަކޮށް އެމްޑީޕީ ކެންޑިޑޭޓް ބަލިކުރުމަށް މުއިއްޒަކީ އޮޕްޝަނެއް ނޫންކަން ވަރަށް ގިނަ މީހުންނަށް ގައިމުވެފައިވުމެވެ. އެހެންކަމާއެކު ސިޔާސީ ވިސްނުމަކުން ބަލާއިރު، އެމްޑީޕީ ބަލިކުރުމަށް ކެންޑިޑެސީ ދިނުން ނުވަތަ ލިބިދިނުން އެންމެ ހައްގުކަން ބޮޑު އެންމެ އެދެވޭ އޮޕްޝަނަކީ ޔާމީނެވެ.
ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި، އަދި އޭނާގެ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިއުމަކީ ރިޔާސީ އިންތިހާބެއްގައި ވާދަކުރުން ރާއްޖޭގެ ގާނޫނުތަކުން ވެސް މަނާވާ ހާލަތެއް ނޫނެވެ. މިކަމުގައި ގާނޫނީ ހުއްޖަތްތައް ދެކޮޅަށް ވެސް އެބަހުއްޓެވެ. ސުޕްރީމް ކޯޓުން ކުރިން އިހްތިޔާރުކުރީ އޭގެ އެއްކޮޅެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ކުރީގެ ވިސްނުން ބަދަލުކޮށް އެކަން އަނެއްކޮޅަށް ހުއްޖަތްތަކާއެކު ގާއިމުކުރުމަކީ ވެސް ކޯޓަށް ކުރެވިދާނެ ކަމެކެވެ.
އެމްޑީޕީ ބަލިކުރުމަށް، މުއިއްޒަކީ ރައްޔިތުންގެ ކުރިމައްޗަށް ނެރެން މިހާރުވެސް ރަނގަޅު އޮޕްޝަނަކަށް ނުވެ އެވެ. ދެން އޮތީ ޔާމީންގެ ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ގޮނޑިތަކަށް އަރާނީ ކިހާވަރެއްގެ ލޮޅުމެއްތޯ ވަޒަންކުރުމެވެ. އެގޮތުން ބަލާއިރު، މިދިޔަ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ހައިކޯޓުގައި އޮތް މައްސަލަ ނިމޭލެއް ލަސްވުމުންނެވެ. އެކަން އެގޮތަށް ހިނގީ މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަލީމް ހައި ކޯޓުގައި އިންނަވައިގެން ގަސްދުގައި އެކަން އެގޮތަށް ކުރެއްވީމާ ކަމަށް ޔާމީން ތުހުމަތުކުރައްވަ އެވެ.
އަދި މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނަށް އެ މަގާމު ލިބިވަޑައިގަތީ އޭނާ ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވިއިރު، ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލަ ސާބިތުވާ ކަމަށް އޭނާ ނިންމެވުމުން އޭރުގެ ސަރުކާރުން ދިން ބަދަލެއްގެ ގޮތުގައިކަމަށް ވެސް ޔާމީން ތުހުމަތުކުރައްވަ އެވެ.
މިދެންނެވުނު ދެ ތުހުމަތު ޔާމީންގެ ފުށުން އަންނައިރު، އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ، އެ ދެ ފަނޑިޔާރުންނަށް މާރައްކާތެރި ދެ ގޮނޑިކަމުގައި ސުޕްރީމް ކޯޓުގެ ގޮނޑިތައް ވެގެންނުދާނެ އެވެ. ދެން ތިއްބެވި ފަނޑިޔާރުންނަށް ބަލައިލާއިރު، އުއްތަމަ ފަނޑިޔާރު މަނިކުފާނަކީ ޔާމީންގެ ދައުރުގައި ހައި ކޯޓުން ސުޕްރީމް ކޯޓަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ފަނޑިޔާރު ހަމީދަކީ ޔާމީންގެ ދައުރުގައި ފަނޑިޔާރުކަމުގެ ގޮނޑިއަށް ހަމަލާއެއް ނެތްކަމުގެ އަމާންކަން އިހުސާސްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި މަގާމުން ވަކިކުރެވުނު ބޭފުޅެކެވެ.
ފަނޑިޔާރު ޝަހީދަށް އެންމެ ގިނަ ޕްރޮމޯޝަން ލިބިވަޑައިގެންނެވީ، ޔާމީންގެ ވެރިކަމުގަ އެވެ. އައްޑުއަތޮޅު މެޖިސްޓްރޭޓްކަމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ބަދަލުވީ ކުރު މުއްދަތެއްގަ އެވެ. އެމްޑީޕީ ވެރިކަމުގައި ދިވެހިރާއްޖޭގެ ހައި ކޯޓުން ބަލައި ނިންމި ޔާމީންގެ މަނީ ލޯންޑްރިންގެ މައްސަލަ ސާބިތުނުވާ ކަމަށް ތަފާތު ރައުޔެއް ބެންޗުގެ މެޖޯރިޓީއާ ދެކޮޅަށް ދެއްވުމުގެ ކެރުމާއި ހިތްވަރު އެމަނިކުފާނު ވަނީ ދައްކަވައިފަ އެވެ.
މި ސިޔާސީ ހަގީގަތްތަކަށް ބަލާއިރު، މުއިއްޒު ވާދަކޮށްގެން އެމްޑީޕީ ބަލިނުކުރެވޭނެއިރު، ޖަލު ހުކުމެއް ތަންފީޒުކުރަމުންދިއުމަކީ ރިޔާސީ އިންތިހާބެއްގައި ވާދަކުރުން މަނާކުރާ ކަމެއް ނޫންކަމަށް ގާނޫނީ އިލްމުވެރިން ދެކޭ ނަޒަރިއްޔާ ސުޕްރީމް ކޯޓުން ނަގަހައްޓައި، ޔާމީނަށް ފުރުސަތު ދިނުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. އަދި ރޫޅި ބައިބައިވެފައިވާ ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ވެސް މުއިއްޒުގެ ބަދަލުގައި އެމްޑީޕީގެ ކުރިމަތީގައި މޭފުއްޕާލަން ހޯދޭނެ އެންމެ ގާބިލު އޮޕްޝަނަކީ އެއީ ކަމަށްވާނެތީ، އެކަމަކީ ރައްޔިތުންގެ މަޖިލީހުން މިހާރު މިއޮތް ސުޕްރީމް ކޯޓަށް ބެކިންދޭނެ ކަމެއްވެސްމެ އެވެ.
މިކަން މުއިއްޒަށް ގަބޫލުކުރެވިއްޖެ ނަމަ، ޖަލު ހުކުމެއް ކީއްކުރަންތޯ ޖިނާއީ ދައުވާއެއް އުފުލިފައިވާ މީހަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް، ކަނޑައެޅިގެން ގާނޫނެއްގައި ލިޔެ ނުވަތަ ގާނޫނުއަސާސީއަށް އެ ބަދަލު ގެނެސް ފާސްކުރުމަކީ އަދި ކުރެވެން އޮތް ކަމެކެވެ. ޔާމީންގެ ވެރިކަމުގައި ކަންކުރެއްވި ގޮތަށް، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްލުމުން، ޔާމީން ދެކެވަޑައިގަންނަވާ ރިޔާސީ ހުވަފެން ބިލާހަކަށް ވެގެންދާނެ އެވެ.
ޕީއެންސީގެ ޓިކެޓް ބޭނުންވާ މަޖިލިސް މެންބަރުންނާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީއަށް ވެސް މިކަމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެ ބޭފުޅުންގެ އެންމެ ބޮޑު ވާދަވެރިޔާއަކަށް ވާނީ ޔާމީނެވެ. އަނެއް ގޮތަކީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ލައިފައި ތިބި ތިން ފަނޑިޔާރުންގެ ބަދަލުގައި 100 ޕަސެންޓް މިމައުލޫގައި އިންސާފުވެރި ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަންކުރުމެވެ.
މި ކިޔައިދިނީ ހިނގައިފާނެ ކަންތައްތަކެއްގެ ވާހަކަ އެވެ. ނަމަވެސް މުއިއްޒު ވެރިކަން ހިންގާ ދޯހަޅި ގޮތާއި، ބާރުތައް މުށުތެރެއަށް ލުމާއި އިތުބާރަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ފެންނަމުން ދިޔުމާއެކު، ސިޔާސީ ވަރުބަލި ކަމާއި ފޫހިކަން ޕީއެންސީގެ ތެރެއިން އެބަފެނެ އެވެ. މި ހުރިހާ ކަމެއްގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ އަދި ނެގޭނީ ޔާމީންއަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި ޖަހާ ސިޔާސީ ހަޅައިގައި އޮޑި ދުއްވުމަކީ ވެސް ތަޖުރިބާ މަދު މުއިއްޒުއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭނެތަ؟ 2028 ގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ