ބޭރު ފައިސާގެ ރިޒާވު ރަނގަޅުކުރަން، އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ ޑޮލަރު ކަރަންސީ ސްވޮޕު، ހަމަ އެ ބޭންކުން ހަމަޖައްސާފައިވާ ރުޕީސް ފެސިލިޓީ ބޭނުންކޮށްގެން ދައްކައިފި އެވެ.
އިންޑިއާއިން ސާކު ގައުމުތަކަށް އެހީތެރިވާން ގެންގުޅޭ ނިޒާމުގެ ދަށުން ދޫކުރާ ކަރަން ސްވޮޕް ފެސިލިޓީ އެއްބަސްވުންތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.
އެ ދުވަހު ސޮއިކުރި ޔޫރޯ/ޑޮލަރު ފެސިލިޓީގެ ދަށުން 400 މިލިއަން ޑޮލަރު އަދި އިންޑިއަން ރުޕީސް ފެސިލިޓީގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސް ހަމަޖެއްސި އެވެ. މިހާތަނަށް އެމްއެމްއޭއިން ބޭނުންކުރަމުން އައީ ޑޮލަރު ފެސިލިޓީ އެކަންޏެވެ.
އެމްއެމްއޭއިން މި ކަރަންސީ ސްވޮޕުގައި ސޮއިކުރީ، ފަހުގެ ތާރީހެއްގައި ނުދާ ވަރަށް ރަސްމީ ރިޒާވު ދަށްވީ ފަހުންނެވެ. މި ފައިސާއާއެކީ، ވޭތުވި އަހަރުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭނެ މަގުފަހިކުރެވުނެވެ.
އާރުބީއައިގެ ޑޮލަރު ފެސިލިޓީގެ މުއްދަތު އެންމެ ގިނަ ވެގެން ދައްމާލެވެނީ އަހަރު ދުވަހަށެވެ. މި މުއްދަތު ހަމަވީ މިދިޔަ މަހުގެ ތެރޭގަ އެވެ. ހަމަވުމުން އެމްއެމްއޭއިން ވަނީ ރުޕީސް ފެސިލިޓީގައި ހުރި (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު) ބޭނުންކޮށްގެން އެ ފެސިލިޓީ ނިމުމަކަށް ގެނެސްފަ އެވެ.
އާރުބީއައިއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް، ރިޒާވު ބޭނުންކޮށްގެން ފައިސާ ދެއްކި ނަމަ ރިޒާވު ވަރަށް ބޮޑަށް ހީނަރުވީހެވެ. ނަމަވެސް ރުޕީސް ފެސިލިޓީ ބޭނުންކޮށްގެން ދެއްކުމުން ރިޒާވަށް މާ ބޮޑު ބަދަލެއް ނައިސް، އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި ހަލާސްކުރެވުނީ އެވެ.
މިހާރު ވެސް އިންޑިއާއަށް 30 ބިލިއަން ރުފީސްގެ ދަރަނި އޮންނާނެ އެވެ. ސާކުގެ ގައުމުތަކަށް އިންޑިއާއިން ދޫކުރާ ފެސިލިޓީތަކުގެ މާއްދާތައް އޮންނަ ގޮތުން މި ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތު ވެސް އަހަރު ދުވަހާ ހަމައަށް ދަންމާލެވޭނެ އެވެ.
މިހެން ކަމުން ދިވެހި ސަރުކާރަށް ވެސް އަންނަ އަހަރުގެ އޮކްޓޫބަރާ ހަމައަށް މި ފެސިލިޓީ ދައްމާލެވޭނެ އެވެ. އަދި މި ދަރަނި ރެކޯޑުކުރެވޭނީ ޔޫއެެސް ޑޮލަރުގެ ބަދަލުގައި އިންޑިއަން ރުޕީސްއިންނެވެ.
މިކަމާ ގުޅިގެން އެމްއެމްއޭގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް، ނަން ނުޖަހާ ގޮތަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ވަނީ މި މުއާމަލާތް މި ގޮތަށް ހިނގާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ވޯލްޑް ބޭންކުން ނެރުނު ރާއްޖޭގެ ޑިވެލޮޕްމަންޓު އަޕްޑޭޓުގައި އެންމެ ފަހުގެ އަދަދުގައި ވެސް މި މުއާމަލާތަށް އިޝާރާތްކޮށްފަ އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވު އަދަދުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭރު ފައިސާގެ ޖުމުލަ ރިޒާވުގައި 859 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ތިން އަހަރުގެ ތެރޭގައި ޑޮލަރު ރިޒާވު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ސެޕްޓެމްބަރުގައި ޖުމުލު ރިޒާވު އުފުލުނު ނަމަވެސް، ބޭނުންކުރެވޭ ރިޒާވުގައި ވަނީ ތިން މަސް ފަހުން ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރަށް ވުރެ ދަށްވެފަ އެވެ. އެ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194 މިލިއަން ޑޮލަރެވެ.
ޑޮލަރު ސްވޮޕަށް ފައިސާ ދެއްކުމުން ރިޒާވަށް އަންނަ ބަދަލެއް އިނގޭނީ އެމްއެމްއޭއިން ރަސްމީ އަދަދުތައް ޝާއިއުކުރުމުންނެވެ. އެ އިދާރާގެ އެޑްވާންސް ރިލީސް ކަލަންޑަރުގައިވާ ގޮތުން އެ މައުލޫމާތު އާންމުކުރާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް ރިޒާވަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ޑޮލަރު ކަރަންސީ ސްވޮޕަށް ފައިސާ ދެއްކީ ރުޕީސް ކަރަންސީ ސްވޮޕުން ޑޮލަރު ކަރަންސީ ސްވޮޕަށް ފައިސާ ދެއްކީ ރުޕީސް ކަރަންސީ ސްވޮޕުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ