ސްރީލަންކާ އަދި އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް، ސަމާލުވޭ!

ސްރީލަންކާ އަދި އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެކަމަށް ސަވާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ އެ ބަދަލުތަކުގެ ސަބަބުން ސްރީލަންކާއިން އަދި އިންޑިއާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީއިން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެ ކަމަށެވެ.
އެގޮތުން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) އީޓީއޭ ފޯމް ފުރިހަމަކުރަން ޖެހޭނެކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އިންޑިއާގެ އިމިގްރޭޝަން އުސޫލަށް ގެނައި ބަދަލާއެކު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) އީ-އެރައިވަލް ފޯމް ފުރިހަމަކުރަން ޖެހޭނެކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާގެ އީޓީއޭ ފޯމް އަދި އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރުމުގެ ކުރިން " އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ