ފެށޭ ހަފުތާގައި ސްކައުޓް އޮފީސް ހިންގާނެ ތަނެއް ހަމަޖެހޭނެ: ޝަފީއު

މި ފެށޭ ހަފުތާގެ ތެރޭ ސްކައުޓް އެސޯސިއޭޝަންގެ އިދާރާއާއި ފިހާރަ ހިންގާނެ ތަނެއް ހަމަޖެހޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ. ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓުގެ އޮފީސް ހިންގަމުން އައީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައެވެ. ޗާންދަނީމަގުގައި ހުންނަ އެ އިމާރާތް ބާވެ، އިމާރާތުގެ ތަނބުތަކަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ. ފާހަގަކުރެވޭ ގޮތުގައި ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު ކޯގެ އޮފީސް ހިންގުމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އެކި މުދާތައް ވެސް ގުދަންކޮށްފައި ހުންނަނީ އެ އިމާރާތުގައެވެ. https://www.sun.mv/211119 ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި، ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، މިހާރު ހިންގާ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިދިޔަ ބުދަ ދުވަހު ވަނީ ބަންދުކޮށްފިއެވެ. މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ އަރަބިއްޔާ އިމާރާތުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން އެ އިމާރާތް ހުސްކޮށް ތަޅާލަން ކަމާބެހޭ ފަރާތްތަކުން ތައްޔާރުވަމުން އަންނަ ކަމަށާއި، އެހެންވެ އެޑިއުކޭޝަން މިނިސްޓްރީގެ މުދާތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ތަން ހުސްކުރަން ސްކައުޓް އެސޯސިއޭޝަނަށާއި ކެޑޭޓު ކޯ އަށް މިނިސްޓްރީން ނޯޓިސް ފޮނުވީ ކަމަށެވެ. "ދެން އެ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ ފެށޭ ހަފުތާގައި އެ ބޭފުޅުންނަށް އޮފީސް ސްޕޭސް ހަމަޖެހިގެން ދާނެއޭ، ފަހަރުގަ މާދަމާވެސް (މިއަދު) އަޅުގަނޑުމެން އެކިއެކި ތަންތަނުގައި އެޑިއުކޭޝަންގަ އެވެއިލެބަލް ސްޕޭސްއެއް ހުރިކަމުގައި ވަނީ ނަމަ، ހަމަޖައްސައިދިނުމަށް އަޅުގަނޑު އޮންނާނީ ޕީއެސްއަށް އިރުޝާދު ދީފަ،" ޝަފީއު ވިދާޅުވިއެވެ. ހަމަ އެއާއެކު، ސްކައުޓް އެސޯސިއޭޝަންގެ ފިހާރައަށްވެސް މި ފެށޭ ހަފުތާގެތެރޭ ގޮތެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. މީގެކުރިން، މިދިޔަ މޭ މަހު، ގައުމީ ސްކައުޓް ދުވަހު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓްގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ދުވަހު އިމާރާތުގެ ވާހަކަ ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެ ހަރަކާތަށް ބޭނުންވާ ކަންކަމަށް، މާލީ ގޮތުންނާއި އުމްރާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ވަރަށް ގިނަ ޗެލެންޖުތަކުގައި އުޅެން ޖެހިފައި [ސްކައުޓުންނަށް] ވަނީ. ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އިމާރާތްތަކުން އެއް ތަނުން އަނެއް ތަނަށް ބަދަލު ވަމުން ދަނީ، އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން،" ރައީސް އެ ދުވަހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ