ނޭޕާލްގެ އިންތިގާލީ ބޮޑުވަޒީރުގެ މަގާމުގައި ސުޝީލާ ކަރްކީ ހުންނަވާނީ ގިނަވެގެން ހަ މަސްދުވަހުގެ މުއްދަތުގައި ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.
"މިއީ އަޅުގަނޑު އުންމީދު ކުރި މަގާމެއްް ނޫން. ނަމަވެސް މަގުމަތީގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑަށް އެ މަގާމާ ހަވާލުވުމަށް މަޖުބޫރުވީ،" މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ސުޝީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ 5 މާޗުގައި ބާއްވާ އިންތިހާބަށް ފަހު އާ ސަރުކާރެއް ގާއިމު ކުރުމަށް ފަހު އޭނާގެ އިންތިގާލީ ދައުރު ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ނޭޕާލުގައި ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެ، ކޭޕީ ޝަރްމާ އޮލީގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ.
ސުޝީލާ މަގާމުގެ ހުވާ ކުރެއްވީ "ޖެންޒީ" ގްރޫޕްގެ ލީޑަރުންނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ޖެނެރޭޝަން ޖެންޒީގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން،" ސުޝީލާ ވިދާޅުވި އެވެ.
"މި ގްރޫޕުން ޑިމާންޑް ކުރަނީ ކޮރަޕްޝަނާއި ހެޔޮވެރިކަމާއި އިގުތިސާދީ ހަމަހަމަކަމަށް."
މި މަހުގެ 8 ވަނަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރުން މަނާ ކުރުމާ ގުޅިގެން ފެށި މުޒާހަރާތައް ހޫނުވެ، ދެ ދުވަހުގެ ތެރޭގައި ހަލަބޮލިވެ، ހަމަނުޖެހުންތަކަށް ބަދަލުވެފައިވެ އެވެ.
އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 72އަށް އަރައިފަ އެވެ.
"އަހަރެން ލަދުގަންނަން. މި އަސާސީ ބިނާތައް ހަލާކު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަކީ ނޭޕާލް މީހުން ކަމަށްވާ ނަމަ، އެ މީހުންނަކީ ނޭޕާލީންގެ ގޮތުގައި ބަލައިގަންނާނީ ކިހިނެއް،" އިންތިގާލީ ބޮޑުވަޒީރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ފާހަގަ ކުރެވެނީ ސާފު ބޭފުޅެއްގެ ގޮތުގަ އެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އޭނާ ހުންނެވި 11 މަސްދުވަހުގެ ތެރޭގައި އެ މަގާމުން އަޒުލްކުރުމުގެ މައްސަލަ ކުރިމަތިވި އެވެ.
ސުޝީލާގެ ކެބިނެޓަށް ކުރިމަތިވާނެ ގޮންޖެހުންތަކުގެ ތެރޭގައި، އަމަން އަމާންކަން އަލުން އިއާދަ ކުރުމާއި ގާނޫނު ހަދާ މަޖިލިސް އަލުން އާރާސްތުކުރުމާއި އެ ނޫން ވެސް މުހިންމު އޮނިގަނޑުތައް އާރާސްތު ކުރުމުގެ ގޮޮންޖެހުންތައް ހިމެނެ އެވެ.
މި މަގާމުގައި ހުންނާނީ 6 މަސް ވަންދެން: ނޭޕާލުގެ އާ ބޮޑުވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ