މިހާރު ވެސް މުސާރައިގެ ޚަރަދު ނިސްބަތުން ބޮޑު، އިތުރަށް ބޮޑުވާނަމަ ފިސްކަލް ޚަރަދު ނުހިފެހެއްޓޭނެ: ފިނޭންސް
މިހާރު ވެސް މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ނިސްބަތުން ބޮޑު ކަމަށާއި، އިތުރަށް އެ ޚަރަދު ބޮޑުވާނަމަ ފިސްކަލް ޚަރަދު ނުހިފެހެއްޓޭ މިންވަރަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، އެލަވަންސާއި ޕެންޝަނާއެކު އެ އަދަދު 17 ބިލިއަނެއްހާ ރުފިޔާއަށް އިތުރުވާނެ ކަމަށެވެ. އެއީ މުޅި ދައުލަތުގެ ބަޖެޓަށް ބަލާއިރު ފުދޭވަރެއްގެ ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ސާއިދު ވިދާޅުވި ގޮތުގައި މުސާރައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ބޮޑުވަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެކަން އެގޮތަށްވާނަމަ ފިސްކަލް ޚަރަދުތައް ނުހިފެހެއްޓޭ ވަރަށް ދިޔުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަންދާޒާކުރާ މުސާރައަށް ކުރެވޭ ހޭދަ މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުވާނަމަ އަޅުގަނޑުމެންނަށް ފިސްކަލީ ޚަރަދު ނުހިފެހެއްޓޭ ލެވެލްއަށް ދިއުން އެކަށީގެންވޭ. އަޅުގަނޑުމެންނަށް ފެނޭ ބަޖެޓު ވަރަށް ބޮޑަށް މެނޭޖްކޮށްގެން، ކޮންޓްރޯލް ކޮށްގެން ގެންދަން ޖެހޭ އަހަރަކަށް [އަންނަ އަހަރު] ވާނެ ކަމަށް، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ސާއިދު ވިދާޅުވި ގޮތުގައި މުއައްސަސާތަކާއި އިދާރާތަކުގައި ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ މުވައްޒަފުންނަށެވެ. އެހެންކަމުން އެހެނިހެން ގާނޫނީ ޒިންމާތައް އަދާކުރުމަށް ބަޖެޓު ކުޑަވަނީ ވެސް މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތަކަށް ކަނޑައަޅަންޖެހޭ ބަޖެޓު އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވަނީ އިގްތިސޯދީ ދާއިރާތަކަށް ކުރަން ހުންނަ ޚަރަދު ހަނިވަމުން އައުންކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ހަމައެއާއެކު މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވާ ސަބަބަކީ ވެސް މުވައްޒަފުންނަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުން ކަމަށް އޭނާ ވިދާޅުވިއެވެ. ސާއިދު ވިދާޅުވީ އަންނަ އަހަރު ބައެއް އިދާރާތަކާ މަޝްވަރާކުރުމަށްފަހު ޕާފޯމަންސް ބަޖެޓުތަކެއް ހެދުމަށް ވިސްނަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ޚަރަދު ކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. ބަޖެޓު ދިރާސާކުރުމަށް އިއްޔެ ބޭއްވި ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އަންނަ އަހަަރަށް އެ ކޮމިޝަނަށް ދޭން ކަނޑައަޅައިފައިވާ ބަޖެޓަކީ ވެސް ގާނޫނީ ޒިންމާ އަދާކުރަން އެކަށޭނަ ބަޖެޓެއް ނޫންކަމަށާއި، އޭގެ ތެރެއިން 78 ޕަސެންޓް ޚަރަދުވާނީ މުވައްޒަފުންގެ މުސާރައަށް ކަމަށެވެ. އެފަދައިން އެކި މުއައްސަސާތަކުގެ މިސާލު ނަންގަވައި ސާއިދު ވިދާޅުވި ގޮތުގައި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ގިނަ މުވައްޒަފުން ނެގުމުގެ އުސޫލު ދޫކޮށްލަން އެބަޖެހެއެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އެ މުއައްސަސާތަކުގައި މުވައްޒަފުން ގިނަކަން ގަބޫލުކުރައްވާ ކަމަށް ސާއިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ