މިއުނިކް (އޮކްޓޫބަރު 19) - ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 2-1 އިން ބަލިކޮށް، ބަޔާން މިއުނިކުން ސީޒަން ފަށައިގެން ހުރިހާ މެޗަކުން މޮޅުވުމުގެ ސިލްސިލާ އިތުރަށް ދަންމާލައިފި އެވެ.
ބަޔާނުން ވަނީ ޖަރުމަނު ލީގުގައި ކުޅުނު ހަތް މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެ މެޗާއި ޖަރުމަނު ކަޕާއި ސުޕަ ކަޕް މެޗުން މޮޅުވެފަ އެވެ. ބަޔާންގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ހުރިހާ މުބާރާތެއްގައި އެއްކޮށް ބަލާނަމަ، 10 މެޗުން މޮޅުވެގެން ސީޒަން ފެށި ފުރަތަމަ ކޯޗެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ގޮތުގައި ކިޔަނީ، ޖަރުމަނު ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގު އަދި ފްރެންޗް ލީގެވެ.
ޖަރުމަނު ފުޓްބޯޅައިގެ ވަރުގަދަ ކުރިމަތިލުން "ޑާ ކްލާސިކާ" ގައި ރޭ ކުރިއަށްދިޔައީ ތާރީހަށް ބަލާނަމަ، 138 ވަނަ މެެޗެވެ. ރޭގެ މޮޅަކީ ޑޯޓްމަންޑް އަތުން ބަޔާނަށް ކުރިހޯދުނު 68 ވަނަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނެގީ ހެރީ ކޭން ޖެހި ގޯލުންނެވެ. މިއީ، ޔޯސުއާ ކިމިކް ނެގި ކޯނަރަކަށް ފުންމައިގެން އަރައި ކޭން ބޮލުން ޖެހި ގޯލެކެވެ. އަދި، މެޗުގެ 35 ވަނަ މިނިޓްގައި ބަޔާންގެ މަައިކަލް އޮލީސޭ އޭރިއާބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ބަޔާނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އޮލީސޭ އެވެ. އޭނާ މި ލަނޑު ޖެހީ ބަޔާންގެ ލުއިސް ޑިއާޒް ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑޯޓްމަންޑްގެ ކުޅުންތެރިން ލަސްކޮށްލުމުގެ ފައިދާނަގަ އެވެ.
ބަދަލަކަށް ކުޅެން އަރައި މެޗުގެ 84 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު ޖެހީ ހޫލިއަން ބްރަންޑްޓް އެވެ. މިއީ، ގޯލު ކުރިމައްޗަށް ރަފައެލް ގަރޭރޯ ހުރަސްކޮށްދިން ބޯޅައަށް އަރައި، ހަމަޖެހިލައިފައި ބްރަންޑްޓް ޖެހި ލަނޑެކެވެ.
ބަޔާނުން ލީގުގައި ބަލިނުވެ، 16 މެޗު ހަމަކޮށްފައިވާއިރު، ރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި މި ފަހަރު މި ވަނީ ލީޑެއް ލިބިފަ އެވެ. ބަޔާނަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
ޑޯޓްމަންޑް ބަލިކޮށް ބަޔާންގެ މޮޅުވުމުގެ ރެކޯޑް ސިލްސިލާ ކުރިއަށް ޑޯޓްމަންޑް ބަލިކޮށް ބަޔާންގެ މޮޅުވުމުގެ ރެކޯޑް ސިލްސިލާ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ