އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި 6 މެންބަރުން ވެސް ޝަރުތުކުރުމަށްފަހު މިނިވަންކޮށްފި

އިދިކޮޅު އެމްޑީޕީން މި މަހުގެ ކުރީކޮޅު ބޭއްވި "ލޫޓުވައިފި" އެއްވުމުން ހައްޔަރުކުރި އެ ޕާޓީގެ ހަ މެންބަރުން ބަންދުން މިއަދު ދޫކޮށްލައިފިއެވެ. މިމަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި އެ އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރެއިން 15 ދުވަހަށް ބަންދުކުރީ: ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް އަޒީމް އަލީ އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން ޙަސަން ޝާކިރު ކޯޓު އަމުރުގައިވާ ގޮތުން، ހަ މެންބަރުންގެ ބަންދު މިއަދަށް ހަމަވާނެއެވެ. އެހެންވެ، މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެމްޑީޕީގެ ލީގަލް ހެޑް އަދި ގާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވީ، ހަ މެންބަރުން ވެސް ދޫކޮށްލަން ކޯޓުން ނިންމީ ކަމަށެވެ. އަދި މިނިވަންކުރީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި މާލޭން ބޭރަށް ދާ ނަމަ ފުލުހުންނަށް އަންގަންޖެހޭ ގޮތަށް ޝަރުތުކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މެންބަރުންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. އެކަމަކު އެ މައްސަލައިގައި ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މައްސަލަ އަނބުރާ ފޮނުވާލައްވައިފައެވެ. މައުރޫފް ވިދާޅުވީ، އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އަނިޔާވި މެންބަރުންގެ ފަރުވާ ގަސްދުގައި ލަސްކުރި ކަމަށް، އެ ޕާޓީގެ ގާނޫނީ ޓީމަށް ފާހަގަވި ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ހައްޔަރުކުރިއިރު ލިބުނު އަނިޔާތަކަށް ޑޮކްޓަރަށް ދެއްކި ނަމަވެސް ފޮލޯއަޕް ލިބުން ލަސްވިކަން ވެސް ފާހަގަވި ކަމަށެވެ. "އެގޮތުން މާފުށި ކައުންސިލްގެ ރައީސް ސޮލާހުގެ އިނގިލި ބިންދައިގެން ދިއުމުން ދެއްކީމަ ޑޮކްޓަރު އެކްސްރޭއެއް ނަގަން ރެކޮމެންޑްކޮށްފައި އޮތީ، ދެން އެކްސްރޭ ހެދުމުގައޮ ވަރަށް ލަސްކުރި، ދޫނިދޫން ބުނަނީ ޑޮކްޓަރުން ނެތޭ ވަރަށް އަވަހަށް އެކްސްރޭ ހަދަން ރެކޮމެންޑްކޮށްފައެއް، އެކަމަކު އިނގިލި ބިންދައިގެން ގޮސްގެން ކަށިގަނޑަށް ތަދުވާ މީހަކަށް އިމީޑިއެޓް އެޓެންޝަން ދޭން ޖެހޭނެ، އެކަހަލަ ލަސްތަކެއް އުޅެނީ،" މައުރޫފް ވިދާޅުވިއެވެ. އެމްޑީޕީގެ އެއްވުން ރޫޅާލުމަށް ޓަކައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ނަމަވެސް، ފުލުހުން ބުނީ އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ