އަހަރެމެންގެ ގޭގޭގައި އެންމެ އާންމުކޮށް ހުންނާނެ އެކައްޗަކީ ޕެނަޑޯލް، ޕެރަސެޓްމޯލް ނުވަތަ އެއާއިލާގެ ބޭހެކެވެ. އަންހެންވެރިންގެ އަތްދަބަހުން ވެސް، މޭކަޕް ސާމާނުގެ އިތުރުން ދެން އެންމެ ފަސޭހައިން ޖާގަ ލިބޭ އެއްޗަކީ އެބާވަތުގެ ބޭހެވެ. ބޮލުގައި ރިއްސާތީ ނުވަތަ ބަނޑުގައި ރިއްސާ ހާލަތްތަކުގައި ބޭނުންކޮށްލުމަށް ޕެނެޑޯލް ދެތިން ގުޅަ ކޮންމެ އަތްދަބަހެއްގައިހެން އޮވެއެވެ.
އިނގިރޭސި ވިލާތުގައި 2023 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، އެ ގައުމުގައި އެންމެ އާންމު ބޭހަކީ އައިބްޔޫޕްރޮފެން އެވެ. އެ ގައުމުގެ ކޮންމެ ދިހަ މީހަކުން އެކަކީ، ބޮލުގައި ރިއްސުމާއި ބަނޑުގައި ރިއްސުމަށް އާންމު ގޮތެއްގައި އެ ބޭސް ބޭނުންކުރާ މީހުންނެވެ. އެހެންކަމުން ކޮންމެ ގެއެއްގެ ފޮތް ހަރުގަނޑުގައި ނުވަތަ ސިޓީންރޫމްގެ ކޮންމެވެސް ތަނެއްގައި އޭގެ ބޭސް ކާޑެއް އޮވެއެވެ.
ނަމަވެސް މި ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި، މިފަދަ އާދައިގެ ތަދުތައް ކެނޑުވުމަށް ބޭނުންކުރާ މިބާވަތުގެ ބޭހަކީ، އެފަދަ ތަދުތައް ވަގުތީ ގޮތުން ކަނޑުވައި ދިނުމަށް ވުރެ މާ ބޮޑެތި މަންފާތަކެއް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. އެފަދަ ތަދުތަކުން ހަށިގަނޑަށް ލުޔެއް ހޯދައިދިނުމުގެ އިތުރުން ކެންސަރުގެ އެތައް ބާވަތަކުން ދުރުކޮށްދިނުމުގައި އެފަދަ ބޭސްތައް (ޕެއިންކިލާތައް) ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
އައިބްޔޫޕްރޮފެން ފަދަ ތަދު ކަނޑުވާ ބޭސްތަކުން ރައްކާތެރިކަން ލިއްބައިދޭ ކެންސަރުގެ ބާވަތްތަކުގެ ގޮތުގައި ސައެންސްވެރިން ފާހަގަކުރަނީ، ގޮހޮރުގެ ކެންސަރާއި އުރަމަތީ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރެވެ. އައިބްޔޫޕްރޮފެންއަކީ، "ނޮން-ސްޓީރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް"ގެ ތެރޭގައި ހިމެނޭ ބޭހެކެވެ.
ނޮން-ސްޓީރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް (އެންއެސްއޭއައިޑީ) އަކީ ހުމާއި ތަދާއި ދުޅަތައް ފިލުވުމަށް ބޭނުންކުރާ ބޭސްތަކެވެ. މި ބާވަތުގެ ބޭސްތަކުގެ ތެރެއިން އެންމެ އާންމު ބޭސްތަކަކީ، އައިބްޔޫޕްރޮފެން، ނެޕްރޮކްސެން، ޑިކްލޮފެނަކް އަދި އެސްޕިރިން އެވެ. މިފަދަ ގިނަ ބޭސްތަކަކީ، ޑޮކްޓަރުގެ ސިޓީއަކާ ނުލައި ވެސް ވިއްކާ އާންމު ބޭސްތަކެވެ.
މިފަދަ ބޭސްތަކުން ކެންސަރުގެ ބައެއް ބާވަތްތަކަށް ފަރުވާ ކުރެވޭކަން މީގެ ކުރިން ވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެ ގޮތުން 1983 ވަނަ އަހަރުގެ ތެރޭގައި، ގޮހޮރުގެ ކެންސަރަށް ފަރުވާ ކުރުމަށް ސުލްއިންޑަކް ކިޔާ ބޭހެއް ބޭނުންކުރިއެވެ. އެއީ އެ ދުވަސްވަރު ހުމާއި ތަދާއި ދުޅަތައް ފިލުވުމަށް އެންމެ އާންމުކޮށް ބޭނުންކުރި ބޭހެވެ. މިއީ މިހާރު ބޭނުންކުރާ އައިބްޔޫޕްރޮފެންގެ މުސްކުޅި ބޭހެވެ.
ކިންގްސްޓަން ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާއިން ކަމަށްވާ، ދީޕާ ކަމްދާރް، އަހްމަދު އަލްބަދަވީ އަދި ޑރ. ނަދީން ވަހީދާ ވިދާޅުވި ގޮތުގައި، އެންއެސްއޭއައިޑީގެ ބޭސްތަކުން ކެންސަރުގެ އެހެން ބާވަތްތަކަށް ފަރުވާ ކުރެވިދާނެތޯ ކަށަވަރުކުރުމުގެ މަސައްކަތް، އެ ދުވަސްވަރުން ފެށިގެން ސައެންސްވެރިން އަންނަނީ ކުރަމުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންއެސްއޭއައިޑީގެ ބޭސްތަކުން، ހަށިގަނޑުގައި ހުންނަ ކޮކްސް (COX) ކިޔާ އެންޒީމަކަށް ހުރަސްއަޅައި އޭގެ މަސައްކަތް ހުއްޓުވައެވެ.
ކޮކްސް އެންޒީމްގެ ދެ ބާވަތެއް ހުރެއެވެ. އެއީ ކޮކްސް-1 އާއި ކޮކްސް-2 އެވެ. މީގެ ތެރެއިން ކޮކްސް-1 އަކީ ބަނޑު ނުވަތަ ގޮހޮރުގެ އެތެރޭ ދާރަ ހިމާޔަތްކޮށްދޭ އެންޒީމެކެވެ. އައިބްޔޫޕްރޮފެން ބޭނުންކުރާ ނަމަ، ކާއެއްޗަކާ އެކުގައި ކެއުމަށް ޑޮކްޓަރުން އިރުޝާދު ދެނީ މި ސަބަބަށްޓަކައެވެ.
ކޮކްސް އެންޒީމްގެ މަސައްކަތް ހުއްޓުވުމަށް ފަހު، އެންއެސްއޭއައިޑީގެ ބޭސްތަކުން، ޕްރޮސްޓާގްލޭންޑިންސް އުފައްދާ މިންވަރު ދަށްކޮށްދެއެވެ. ޕްރޮސްޓާގްލާންޑިންސްއަކީ ތަދުގެ އިހްސާސް އިތުރުކޮށްދީ ހަށިގަނޑުގެ އެކި ތަންތަން ދުޅަކުރާ، ހޯމޯން ޒާތުގެ އެއްޗެކެވެ.
ޔޫރަޕިއަން މެޑިކަލް ޖާނަލްގައި 2025 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ރަހިމަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމު ބާވަތް ކަމަށްވާ އެންޑޯމެޓްރިއަލް ކެންސަރު ޖެހުމުގެ ނުރައްކާ، އައިބްޔޫޕްރޮފެން ބޭނުންކުރުމުން ކުޑަކުރެވިދާނެއެވެ.
އަންހެނުންނަށް ކެންސަރުގެ ނުރައްކާ އިތުރުކޮށްދޭ އެއް ސަބަބެއް ކަމުގައި ފާހަގަކުރެވެނީ، އިސްކޮޅާއި އުމުރާ ނުގުޅޭ މިންވަރަށް ހަށިގަނޑު ފަލަވުމެވެ. މިހެންވުމުގެ ސަބަބުން، ހަށިގަނޑުގައި ނުބައި ސަރުބީ ހުންނަ މިންވަރު އިތުރުވެ އޮއެސްޓްރޯޖެންގެ މިންވަރު މަތިވުމަކީ، އަންހެނުންގެ ހަށިގަނޑުގައި ކެންސަރުގެ ސެލްތައް ހެދި ބޮޑުވުމަށް ލިބޭ އެންމެ ވަރުގަދަ ހަކަތަކަމަށް ސައެންސްވެރިން ގަބޫލުކުރެއެވެ.
ދާދި ފަހުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި މަހެއްގެ ތެރޭގައި އައިބްޔޫޕްރޮފެންގެ ހަތަރު ގުޅަ ނުވަތަ އެއަށް ވުރެ މަދުން ބޭނުންކުރާ އަންހެނުންނާ އަޅައި ބަލާއިރު، މަހަކު 30 ގުޅަ ނުވަތަ އެއަށް ވުރެ ގިނައިން އައިބްޔޫޕްރޮފެން ބޭނުންކުރާ އަންހެނުންނަށް، މި ބާވަތުގެ ކެންސަރުތައް ޖެހުމުގެ ނުރައްކާ 25 ޕަސެންޓް ކުޑައެވެ. ޕްރޮސްޓޭޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ބޮޑުގޮހޮރުގެ ކެންސަރާއި، އޯވަރީ ކެންސަރު އަދި އެންޑޯމެޓްރިއަލް ކެންސަރު ޖެހޭ ގޮތާއި، އެ ބަލިތަކުން ރައްކާތެރިވާނެ ގޮތްތަކާ ބެހޭ ގޮތުން ހެދި މި ދިރާސާގައި އުމުރުން 55 އަހަރާއި 74 އަހަރާ ދެމެދުގައި 42394 އަންހެނުން ބައިވެރިކޮށް، 12 އަހަރު ވަންދެން އެމީހުންގެ ހާލަތު ވަޒަންކުރިއެވެ.
ތަދު ކަނޑުވާ ބޭސްތަކުން ވެސް ކެންސަރުން ސަލާމަތް ކޮށްދީފާނެ ތަދު ކަނޑުވާ ބޭސްތަކުން ވެސް ކެންސަރުން ސަލާމަތް ކޮށްދީފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ