ދިގަލި އާއި އާއްޓެ ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ނެގި މައްސަލައިގައި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން 10 މީހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ މި މައްސަލައިގައި ދިގަލި ވަހީދު އާއި އާއްޓޭ އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ.
މީގެއިތުރުން ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް އުފުލާފާއިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އެވެ. އޭގެ އިތުރުން ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން އާއި ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ