މިއަދުން ފެށިގެން، މިފްކޯއިން މަސް ގަންނާނީ 1 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށް އެންމެ މަތީ އަގު ދޭގޮތަށްކަމަށާއި އަދި އެ ކުންފުނިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ރައީސް މުހައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވެރިކަމަކީ ދިވެހީންގެ ޝަޚުސިއްޔަތާއި ޤައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާޢަތެއްކަމަށް ފާހަގަކުރައްވާ، މި ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން 6 ދާއިރާއަކުން 6 ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިއަދުން ފެށިގެން، މިފްކޯއިން މަސް ގަންނާނީ 1 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށް އެންމެ މަތީ އަގު ދޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ވެސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކޯލްޑް ސްޓޯރޭޖްގެ ޤާބިލުކަން އިތުރުކުރުމަށް އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ވަނީ ހުޅުވާލާފައިކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ތެޔޮ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިއުލް ސްކިޑްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި އަންނަ މާރިޗު މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
މިފްކޯއަށް ގަންނަ ކިލޯއަކަށްވުރެ ބަރު މަހަށް މަތީއަގު، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ވެސް ހެޔޮވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ