ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ފުޅާ ކޮށް ތަރައްގީ ކުރާ ސަރަހައްދު މަގުގައި ތާރު އަޅަން އެ މަޝްރޫއާ ހަވާލުވެފައިވާ ކުންފުނި އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ.
އެ މައްސަލައަށް ހައްލު ހޯދާ ދިނުމަށް ޒަމާނީ ފެންވަރަށް އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެގޮތުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުން ވެސް ހިމެނެއެވެ.
މިހާރު މަގު ފުލާކުރުމުގެ މަސައްކަތް މިވަނީ ނިމިފައެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެ ސަރަހައްދުގައި ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމެވެ. މި މަގު ފުލާކޮށް ތަރައްގީ ކުރުމުން މި ސަރަހއްދުގެ ޓްރެފިކް ފްލޯއަށް ފަސޭހަވެގެން ދާނެ ކަމަށް ބެލެވެއެވެ.
ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ސަރަހައްދު މަގު ފުޅާކޮށް ތާރުއަޅަން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ