މުވައްޒަފުން މަދުވެގެން އިންޑިގޯ ފްލައިޓްތައް ކެންސަލް ކުރަނީ
އިންޑިއާގެ ބަޖެޓް ކެރިއާ އިންޑިގޯ އިން މުވައްޒަފުން މަދުވެގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލް ކުރަން ފަށައިފިއެވެ. ދިއްލީ، މުމްބާއީ، ހައިދަރުއާބާދު، އަދި އެހެނިހެން ސިޓީތަކަށްވެސް ދަތުރުކުރާ އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯގެ ފްލައިޓް އޮޕަރޭޝަންތަކަށް ބުރޫ އަރައި އެތައް ހާސް ފަސިންޖަރުންނެއް ތިބީ އެއާޕޯޓްތަކުގައި ތާށިވެފައެވެ. ދިއްލީން ފުރަން ހަމަޖެހިފައިވާ އިންޑިގޯގެ 30 އަށް ވުރެ ގިނަ ފްލައިޓް މިއަދު ކެންސަލްކޮށްފައިވާއިރު، ހައިދަރުއާބާދުގައި ވެސް 33 ފްލައިޓް ކެންސަލް ކުރިއެވެ. މުމްބާއީ އެއާޕޯޓުންވެސް ބައެއް ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު އިންޑިގޯގެ 170 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރުން އެކަށީގެންވެއެވެ. ދިއްލީ، މުމްބާއީ، ބެންގަލޫރު، އަދި ހައިދަރުއާބާދުން އިއްޔެވެސް ގާތްގަނޑަކަށް 200 އެއްހާ ކެންސަލް ކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ދުވާލަކު ގާތްގަނޑަކަށް 2،200 ފްލައިޓް އޮޕަރޭޓްކުރާ އިންޑިގޯއިން ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އަރާފައިވާ ކަމަށް އެއްބަސްވެ، ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. "ޓެކްނޮލޮޖީގެ ކުދިކުދި މައްސަލަތަކާއި، ފިނި މޫސުމާ ގުޅިފައިވާ ޝެޑިއުލް ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭވިއޭޝަން ސިސްޓަމްގައި ތޮއްޖެހުން އިތުރުވުން އަދި ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަންސްގެ ސަބަބުން ކުރިން ލަފާނުކުރެވޭ އޮޕަރޭޝަނަލް ގޮންޖެހުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް ނޭދެވޭ އަސަރުތަކެއް ކުރި." އެއާލައިނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނުވަދިހަ ޑޮމެސްޓިކް އަދި 40 އިންޓަނޭޝަނަލް މަންޒިލަކަށް ހިދުމަތްދޭ އިންޑިގޯގައި އުފެދިފައިވާ ހަލަބޮލިކަމުގެ ފަހަތުގައި އޮތް ބޮޑު ސަބަބަކީ ނޮވެމްބަރު މަހު އިސްލާހުކޮށްފައިވާ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަން (އެފްޑީޓީއެލް) ނޯމްސް ތައާރަފްކުރުމާ ގުޅިގެން ކްރޫއިން ޚާއްސަކޮށް ޕައިލެޓުންގެ ދަތިކަން އައުން ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެން އޭވިއޭޝަން ވޮޗްޑޯގް، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މިއަދު އެއާލައިންގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޑީޖީސީއޭ އިން ބުނީ އިންޑިގޯގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާރުގެ ހާލަތު ހުރި ސަބަބުތަކުގެ އިތުރުން ފްލައިޓް ކެންސަލް ކުރުމާއި ލަސްވުން މަދުކުރުމަށް ރާވާފައިވާ ކަންކަން ހުށަހެޅުމަށް އެއާލައިނަށް އެދިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ