ކިތަންމެ ވަރަކަށް ޙަސަދަވެރިވިޔަސް އަނެކާއަށް ދެއްވަވަންހުރި ރިޒުޤެއް ތިބާއަކަށް ނުލިބޭނެ! ފާފަވެރިވުން ނޫންކަމެއް ނުވާނެ!: ޝައިޚް ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ
 
ޝައިޚް ފަހުދު! އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މައްސަލައާ ގުޅޭގޮތުން ތިޔަ ބޭފުޅާގެ ލަފާ ހޯދުމެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ގިނަ ރައްޓެހިން އަޅުގަނޑާ ދުރުވަމުންދާ ކަމަށެވެ. މީގެ ސަބަބަކީ އަޅުގަނޑުގެ ކިބައިގައި ހުރި ޙަސަދަވެރިކަން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑު ގަސްދުގައި ޙަސަދަވެރިއެއް ނުވަމެވެ. ނަމަވެސް، އެހެން މީހުންގެ ކިބައިގައި ހުރި ކަންތައްތައް، އެއީ މަޤާމެއް ނުވަތަ މުދަލެއް ކަމުގައިވިޔަސް، އަޅުގަނޑުގެ ކިބައިގައިވެސް ހުރުމަށް އެދޭކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ކަމުގައި އަޅުގަނޑު ކުށްވެރިވަނީ ހެއްޔެވެ؟ ނުވަތަ އަޅުގަނޑުގެ ރައްޓެހިން މާ ބޮޑަށް ޙައްސާސްވަނީ ހެއްޔެވެ؟ މި ކަމާ ގުޅޭގޮތުން ޝައިޚުގެ ނަޒަރުގައި ކަން އޮތްގޮތް ސާފުކޮށްދެއްވުން އެދެމެވެ." 
ޖަވާބު: 
އަޅުގަނޑު ތިބާއާ ސުވާލެއް ކޮށްލުމުގެ ހުއްދަ އެދެމެވެ. ތިބާއަށް ހަސަދަވެރިކަމުގެ މާނަ އެނގިވަޑައިގަންނަވާތޯއެވެ؟ ހަސަދަވެރިކަމަކީ އެހެން މީހެއްގެ ކިބައިން ނިޢުމަތެއް ނެތިދިއުމަށް އެދުމެވެ. މިފަދަ ސިފައެއް ތިބާގެ ކިބައިގައި ވާނަމަ، އެއީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދި މިކަމުން ތައުބާވުމަކީ ވާޖިބު ކަމެކެވެ. ސަބަބަކީ ހަމަކަށަވަރުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ މެދުގައި ރިޒުޤު ބައްސަވާފައިވާތީއެވެ." 
ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ ‎﴿٣٢﴾‏
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ. (32)" 
ކޮންމެ އިންސާނަކަށްވެސް އޭނާގެ ރިޒުޤު މިންވަރުކުރައްވާފައިވަނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އެހެންކަމުން، އެހެން މީހުންގެ މައްޗަށް ޙަސަދަވެރިވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެމީހުންގެ މުދަލާ އެއްވަރުގެ މުދާ ލިބުމަށް އެދެނީތޯއެވެ؟ ނުވަތަ އެމީހުންގެ ދަރިންނާ އެއްވަރުގެ ދަރިން ލިބުމަށް އެދެނީތޯއެވެ؟ ޙަސަދަވެރިވުމަކުން މިއިން އެއްވެސް ކަމެއް ޙާޞިލެއް ނުވާނެއެވެ. ޙަސަދަވެރިވުމުގެ ސަބަބުން ލިބޭނީ ހަމައެކަނި ހިތުގެ އަނދިރިކަމާއި، ހިތްދަތިކަމާއި، އަދި މީސްތަކުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދުން އެކަންޏެވެ.
ޤުރްއާނުގެ އުނގަންނައިދެއްވުމުން އަހަރެމެންނަށް އެނގިގެންދަނީ، އުޑާއި ބިމުގައި އެންމެ ފުރަތަމަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އުރެދެވުނު ފާފައަކީ ޙަސަދަވެރިކަން ކަމުގައެވެ. އުޑުގައި ހިނގި މި ހާދިސާގައި، އިބްލީސް އާދަމް ޢަލައިހިއްސަލާމްއަށް ޙަސަދަވެރިވުމަކީ އެންމެ ފުރަތަމަ ކުރެވުނު ފާފައެވެ. މިކަމުން އަހަރެމެންނަށް ދޭހަވަނީ ޙަސަދަވެރިކަމުގެ ނުރައްކާތެރިކަމާއި، އޭގެ ނޭދެވޭ ނަތީޖާތަކެވެ." 
ﷲ ތަޢާލާ އިސްރާ ސޫރަތުގެ 61 އަދި 62 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا ‎﴿٦١﴾‏ قَالَ أَرَأَيْتَكَ هَٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا ‎﴿٦٢﴾‏
މާނައީ: "آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުޅައޫއެވެ. إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން سجدة ކުރާނެތޯއެވެ؟ (61) އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ قيامة އަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ. (62)" 
ހަސަދަވެރިކަމަކީ އިސްލާމްދީނުގައި މަނާކުރެވިފައިވާ ނުބައި ސިފައެކެވެ. ތާރީޚުގައި ފާހަގަކުރެވޭ ފުރަތަމަ ހަސަދަވެރިކަމުގެ ޢަމަލަކީ، އާދަމްގެފާނުގެ ދެ ދަރިކަލުންކަމުގައިވާ ޤާބީލު އޭނާގެ އަޚް ހާބީލުގެ މައްޗަށް ކުރި ހަސަދަވެރިކަމެވެ. މި ހަސަދަވެރިކަމުގެ ސަބަބުން ޤާބީލު ހާބީލު މަރާލުމަށް މަގުފަހިވިއެވެ. މިއީ އިންސާނީ ތާރީޚުގައި ހިނގި ފުރަތަމަ މަރުގެ ހާދިސާއެވެ. 
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ ‎﴿٢٧﴾‏
މާނައީ: "آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ. (27)" 
ހަސަދަވެރިކަމަކީ އިސްލާމްދީނުގައި ނުބައި ސިފައެއްގެ ގޮތުގައި ބަޔާންކުރެވިފައިވާ ކަމެކެވެ. އެހެންކަމުން، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަނީ ހަސަދަވެރިކަމުގެ ނުބައި އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ސޫރަތުލް ފަލަޤު ކިޔެވުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައެވެ. މި ސޫރަތް ކިޔެވުމަކީ ހަސަދަވެރިންގެ ނުބައި ނުލަފާ ޢަމަލުތަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ