ލަންޑަން (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 2-0 އިން ބްރެންޓްފޯޑް ބަލިކޮށް އެއް ވަނައިގައި ލީޑުދެމެހެއްޓިއިރު، ޗެލްސީން ކުޅުނު މެޗުގައި 3-1 އިން ލީޑްސް ޔުނައިޓެޑް އަތުން ބަލިވެއްޖެ އެވެ.
ރޭގެ މޮޅާ އެކު، އާސެނަލް އެއް ވަަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 14 މެޗުން 28 ޕޮއިންޓް ލިިބިފަ އެެވެ. ތިން ވަނައިގައި އޮތީ ރޭ ފަހަތުން އަރައި 4-3 އިން ބްރައިޓަން އަތުން މޮޅުވި އެސްޓަން ވިލާ އެވެ. ވިލާ އަށް ވަނީ 14 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 14 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި މިކޭލް މެރީނޯ ބޮލުން ޖެހި ގޯލުން ލީޑުނެގި އެެވެ. ބްރެންޓްފޯޑަށް އެއްވަރުކޮށްދޭން ކެވިން ޝާޑާ ބޮލުން ޖެހި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ. އާސެނަލުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުުރު ވަގުތުގައި ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. ސަކާގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މެރީނޯ އެވެ.
ލީޑްސް އިން އަމިއްލަ ދަނޑުގައި ރޭ ފުރަތަމަ ހާފުގައި ވަނީ ޗެލްސީ ކައިރިން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑުތައް ޖެހީ ޖަކާ ބިޖޯލް އާއި އާއޯ ޓަނާކާ އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ ޕެޑްރޯ ނެޓޯ ވަނީ ގޯލެއް ޖަހައި، ޗެލްސީ އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ލީޑްސް އަށް ތިން ވަނަ ގޯލެއް ޖަަހައިދީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. ސަންޑަލެންޑުން ލީޑުނެގި މި މެޗުގައި ލިވަޕޫލުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ސަންޑަލެންޑުން މި މެޗުގެ ދެ ވަނަ ހާފުގައި ލީޑުނެގީ އޭރިއާބޭރުން 67 ވަނަ މިނިޓްގައި ޗެމްސްޑިން ޓަލްބީ ޖެހި ގޯލުންނެވެ. ޓަލްބީ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ގައިގައި ޖެހިފަ އެެވެ. ލިވަޕޫލުން އެއްވަރުކުރީ، 81 ވަނަ މިނިޓްގައި ސަންޑަލެންޑްގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ޖެހި ބޯޅައެއް ގޯލަށް ވަނީ މުކިއޭލޭ ފައިގައި ޖެހިފަ އެވެ.
އާސެނަލުން ލީޑު ދެމެހެއްޓިއިރު، ލީޑްސް އަތުން ޗެލްސީ ބަލިވެއްޖެ އާސެނަލުން ލީޑު ދެމެހެއްޓިއިރު، ލީޑްސް އަތުން ޗެލްސީ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ