ސައޫދީއަށް ވިއްކާ އެފް-35 ޖެޓްތައް، އިސްރާއީލުގައި ހުރި އޭގެ ޖެޓްތަކަށް ވުރެ ބަލިކަށިވާނެ: އެމެރިކާ
ވޮޝިންޓަން (20 ނޮވެންބަރު 2025): ސައޫދީއަށް ވިއްކުމަށް އެމެރިކާ ނިންމި އެފް-35 މަރުކާގެ ފައިޓާޖެޓްތައް، އިސްރާއީލަށް އެމެރިކާ ދީފައިވާ އެފް-35 މަރުކާގެ ފައިޓާ ޖެޓްތަކާ އަޅައިބަލާއިރު ބަލިކަށިވާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ސައޫދީއަށް ވިއްކުމަށް އެމެރިކާ ނިންމި އެފް-35 މަރުކާގެ ފައިޓާޖެޓްތަކުގައި ހަމަލާދިނުމުގެ ބައެއް ވަސީލަތްތަކާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ބައެއް ފީޗާތައް މަދުވާނެއެވެ. މިހެން ހަދަންޖެހުނީ އިސްރާއީލަށްވުރެ އަރަބި އިސްލާމީ ގައުމުތައް އަސްކަރީ ގޮތުން ބަލިކަށި ހާލަތުގައި ބޭއްވުމަށް ޚާއްސަކޮށްގެން ކޮންގްރެސްއިން ފާސްކޮށް އެމެރިކާގެ ރައީސް ތަސްދީގު ކޮށްފައިވާ ގާނޫނަކުން މިކަން މިގޮތަށް ކުރަން އެމެރިކާ ސަރުކާރަށް ލާޒިމް ކުރާތީއެވެ. އެމެރިކާއިން އިސްރާއީލަށް ވިއްކާ ފެންވަރުގެ ޖެޓްތައް އެ ހުރިހާ ވަސީލަތްތަކާއެކު ވިއްކާނީ ހަމައެކަނި ނޭޓޯގެ ގައުމުތަކަށާއި ނޭޓޯގެ ބޭރުން އެމެރިކާގެ އަސްކަރީ ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އަރަބި އިސްލާމީ ނޫން ގައުމުތަކަށެވެ. އެއީ ނޭޓޯގެ ގައުމުތަކުގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކެވެ. އެފް-35 މަރުކާގެ ފައިޓާޖެޓްތަކުގެ އިތުރުން މީގެކުރިން ސައޫދީ އާއި ގަތަރު އަދި މިސްރާއި ޔޫއޭއީ އަދި މޮރޮކޯ ފަދަ އަރަބި ގައުމުތަކަށް އެމެރިކާ ވިއްކާފައިވާ އެފް-16ގެ ފައިޓާ ޖެޓްތަކަކީވެސް އިސްރާއީލަށް ފޯރުކޮށްދީފައިވާ އެފް-16ގެ ފައިޓާ ޖެޓްތަކަށް ވުރެ ވަސީލަތްތަކާއި އޮޕަރޭޓިން ސިސްޓަމްގެ ގޮތުން ބަލާއިރު މާ ބޮޑަށް ބަލިކަށި ޖެޓްތަކެވެ. އެއީ އިސްރާއީލަށްވުރެ އަރަބި ގައުމުތައް ބަލިކަށި ހާލާތުގައި ބޭއްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. މިހާރު ވަނީ މިކަމާބެހޭ ގާނޫނެއްވެސް އުފައްދާފައެވެ. މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން މެލޭޝިއާއަށް ވިއްކާފައިވާ އެފް-14 އާއި އެފް-15ގެ ޖެޓްތަކަކީ ވެސް އެމެރިކާއިން އިސްރާއީލަށް ދީފައިވާ އެ މަރުކާގެ ޖެޓްތަކަށްވުރެ މާ ވަސީލަތްތައް މަދު އަދި އޮޕަރޭޓިން ސިސްޓަމް މާ ބަލިކަށި ޖެޓްތަކެއްކަންވަނީ ހާމަވެފައެވެ. މީގެއިތުރުން އެމެރިކާ އަތުން ގަނެފައިވާ ކޮންމެ ޖެޓަކީ އެމެރިކާ ބޭނުންވެއްޖެ ހިނދެއްގައި އޭގެ އޮޕަރޭޓިން ސިސްޓަމް އެމެރިކާއަށް ކޮންޓްރޯލް ކުރެވޭގޮތަށް ޑިޒައިން ކޮށްފައިވާ ޖެޓެއްކަން މެލޭޝިއާ ދެނެގަތް ކަމަށާއި އެއަށްފަހު އެމެރިކާގެ އެފަދަ ޒަމާނީ ޖެޓްތައް ނުގަންނަން އޭނާގެ ވެރިކަމުގައި މެލޭޝިއާއިން ނިންމީ މި ސަބަބާ ގުޅިގެންކަމަށް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި މަހާތީރު ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ގަންނަ ފައިޓާ ޖެޓްތަކަކީ ރީއްޗަކަށް ވައިގެ ތެރޭގައި ދުއްވާލައި ބާރު ދައްކާލަން ބޭނުން ކުރުން ފިޔަވައި އެ ނޫން ބޭނުމެއް ހަގީގަތުގައި ކުރެވޭނެ ޖެޓްތަކެއް ނޫން ކަމަށް ވެސް އެ ބަސްދީގަތުމުގައި މަހާތީރު ވަނީ ވިދާޅުވެފައެވެ. މިއާއެކު މެލޭޝިއާ ގެންދަނީ އެ ގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ފައިޓާޖެޓް ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ. އިސްރާއީލަށް ވުރެ ބާރުގަދަ ހަތިޔާރު އަރަބި އިސްލާމީ އެއްވެސް ގައުމެއްގައި ހުރުމަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނަށް ވެރިވެގަނެގެން އިސްރާއީލަށް އަމާންކަމާއެކު ފަލަސްތީނުގެ ބިންތަކުގައި ނޯވެވޭނެ ކަމެއްކަމަށް އިސްރާއީލުގެ އިތުރުން އެމެރިކާ ގަބޫލުކުރެއެވެ. އިސްރާއީލާ އެންމެ އިދިކޮޅު އިސްލާމީ ގައުމު ކަމަށްވާ އީރާނުން އެމެރިކާއަށް ބަރޯސާނުވެ ހަތިޔާރުގެ ޓެކްނޮލޮޖީ އާއި ނިއުކްލިޔާ ޓެކްނޮލޮޖީ އަމިއްލައަށް ތަރައްގީ ކުރާތީ އެކަން ހުއްޓުވުމަށްޓަކައި އެމެރިކާ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެވަރުން ނުފުދިގެން އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ބޮންއަޅައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީނީވެސް މި މަގުސަދު ހާސިލު ކުރުމުގެ ބޭނުމުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިގޮތަށް ބާރުގެ ބޭނުންކޮށްގެން އެމެރިކާއަށް އިސްރާއީލު ހިމާޔަތް ކޮށްދެވޭނީ ކިހާ މުއްދަތަކަށްތޯ އަދި ބާރުވެރިކަމަކީ ތާއަބަދަށް އޮންނާނެ އެއްޗެއްތޯ އަދި އޮބިއަޅައިގެން އިސްލާމީ ގައުމުތައް މިގޮތަށް އެމެރިކާއަށް ހިފެހެއްޓޭނީ ކިހާ މުއްދަތަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ