ބަސަރާ، އިރާގު (ނޮވެމްބަރު 19) - އޭއެފްސީގެ ވޯލްޑް ކަޕް ކޮލިފައިން ފަސް ވަނަ ބުރުގައި ރޭ ޔޫއޭއީ އަތުން 2-1 އިން މޮޅުވެ، އިރާގުން އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފުން ޖާގަ ހޯދައި އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
މި މަހުގެ 13 ވަަނަ ދުވަހު އަބޫދާބީގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 1-1 އިން އިރާގާއި ޔޫއޭއީ ވަނީ އެއްވަރުވެފަ އެވެ. ރޭ ބަސަރާގައި ކުޅުނު މެޗުން އިރާގު މޮޅުވީ 2-1 އިންނެވެ. އެ ގޮތުން، 62،000 އަށް ވުރެން ގިނަ މީހުން ކުރިމަތީގައި ބަސަރާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތީ 1-1 އިންނެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި، އަމީރް އަލް އަމާރީ ޕެނަލްޓީ އަކުން ވަނީ އިރާގު މޮޅުކޮށްދީފަ އެވެ.
މި ނަތީޖާއާ އެކު އިރާގަށް ވަނީ ހަ ގައުމެއް ވާދަކުރާ އިންޓަ ކޮންފެޑަރޭޝަންގެ ޕްލޭއޮފުން ފުރުސަތު ލިބިފަ އެވެ. އިރާގުން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ، 1986 ވަނަ އަހަރު މެެކްސިކޯގަ އެވެ.
އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފުގައި ކުޅޭ ހަ ގައުމު ދެ ފަޅިއަކަށް ބަހާލާއިރު، ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ ދެ ފަޅިން ވެސް ޗެމްޕިއަނަށެވެ. އިންޓަ ކޮންފެޑަރޭޝަން ޕްލޭއޮފްގައި އިރާގުގެ އިތުރުން އޮތީ އެފްރިކާގެ ކޮންގޯ، ސެންޓްރަލް އެމެރިކާގެ ސުރިނާމް އާއި ޖެމެއިކާ، ދެކުނު އެމެރިކާގެ ބޮލިވިއާ އަދި އޯޝެނިއާގެ ނިއު ކެލަޑޯނިއާ އެވެ. މި ޓީމުތައް ބެހިގެންދާ ގޮތުގެ ގުރުއަތުލުން އޮންނާނީ މާދަމާ އެވެ.
ޔޫއޭއީ ކަޓުވާލައި އިރާގުން ވޯލްޑް ކަޕްގެ އުންމީދު ދަމަހައްޓައިފި ޔޫއޭއީ ކަޓުވާލައި އިރާގުން ވޯލްޑް ކަޕްގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ