ކޮލިފައިންގެ ކުރިން އިންޑިއާގެ މެޗު ލިބުމަކީ ނަސީބެއް: ސުޒޭން ކޮލިފައިންގެ ކުރިން އިންޑިއާގެ މެޗު ލިބުމަކީ ނަސީބެއް: ސުޒޭން

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ކުރިން އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅެން ލިބުމަކީ ނަސީބެއް ކަމަށާއި މި މެޗުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ގައުމީ ޓީމުން ތިބީ ތައްޔާރަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މީގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ސުޒޭން ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު އެބައޮތް ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕުގައި އެޑްވާންޓޭޖް ނެގުމުގެ ފުރުސަތު ރާއްޖެ އަށް އޮތް ކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.
އޭޝިއަން ކަޕްގައި މި މަހު ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗުގެ ކުރިން ރާއްޖޭގައި ކުރާ އެންމެ ފަހުގެ ފަރިތަކުރުންތައް ރޭ ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ފަރިތަކުރުންތަކަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ކޮލިފިކޭޝަންގެ ކުރިން އިންޑިއާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ލިބުން އެއީ ނަސީބެއް ކަމަށެވެ.
ސުޒޭން ބުނީ ރާއްޖޭގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު "ކޮމިޓްމަންޓެއް" ލިބުނު ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން އެ ލިބުނު ފުރިހަމަ އެއްބާރުލުމަކީ، ކޮލިފިކޭޝަނަށް ދާއިރު، ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ސުޒޭން ދެކެ އެވެ.
ސުޒޭން ބުނީ ޕްރެކްޓިސްކޮށްގެން ކަންކަން ރަނގަޅު ކުރުމަށްވުރެ، މެޗަކުން ކަންކަން ރަނގަޅު ކުރުން މާ ބޮޑަށް ރަނގަޅުވާނެ ކަމަށާއި، މީގެ ބޭނުން އެންމެ ހިފަން ރާއްޖެއިން ތިބީ ތައްޔާރަށް ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މިހާރު ޕްރެކްޓިސްކޮށްގެން ކަންކަން ރަނގަޅު ކުރުމަށްވުރެ މެޗަކުން އެ ބަލާ ކަންކަން ރަނގަޅު ކުރުން މާ ރަނގަޅުވާނެ ކޮމްޕެޓިޓިވް މެޗަކަށް ދާއިރު. މީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. ސުޒޭން ފާހަގަ ކުރި އެވެ.
ރާއްޖޭގައި އަހަރަކަށްވުރެ ގިނަ ދުވަސް ފުޓްބޯޅަ ސީޒަން ނުފަށައި ދިޔަ ނަމަވެސް ސުޒޭން ހުރީ ކުޅުންތެރިންގެ ކޮމިޓްމެންޓާ މެދު ހިތްހަމަ ޖެހިފަ އެވެ. އަދި އިންޑިއާ މެޗަށް ނުކުންނައިރު، މިއީ، އެ ގައުމުގެ ސުޕަ ލީގު ކުޅޭ ދުވަސްވަރު ކަމަށްވިޔަސް، އެ ޓީމަށް އޭގެ ފައިދާ މާ ބޮޑަށް ނެގިޔަ ނުދީ ރާއްޖޭން ކުޅުނު ރަނގަޅު ނަތީޖާ އެއް ނެރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
ޝިލޯންގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ