ބަޔާނަކުން ނުފުދޭ، އަޅަންވީ އެންމެ ހަރުކަށި ފިޔަވަޅު: އަބްދުއްރަހީމް

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ކުށްވެރިކޮށްފަ އެވެ.
ކޮމިޝަންތަކުން ބަޔާން ނެރުނީ އެމްޑީޕީއިން ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު، ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ދެއްކި ވާހަކަތަކަކަށް ފަހު އެވެ.
އަބްދުއްރަހީމް އެކްސް ޕޯސްޓެއްގައި އެމްޑީޕީގެ ނަން ނުގެންނަވައި ގޮވާލެއްވީ ޒާތީ ސިޔާސީ ވާދަވެރިކަމުގައި ކުދިންގެ ހައްގުތަކަށް އަރައިގަންނަ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.
ބުނީ ކީކޭ؟ - "ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ."
ގުޅުންހުރި ކަމެއް - ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިހުތިޖާޖުގައި ދެއްކި ވާހަކަތަކާ ގުޅިގެން އިލެކްޝަނާއި އެޗުއާރުސީއެމްއިން ބަޔާންތަކެއް ނެރެފައިވާއިރު، އެމްޑީޕީއިން ވަނީ އެއީ ރައީސްގެ މަސްލަހަތުގައި ނެރުނު ސިޔާސީ ބަޔާންތަކެއް ކަމަށް ސިފަކޮށް، އެ ބަޔާންތައް ކުށްވެރިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ