ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މުޖްތާޒް އައްޔަނުކޮށްފި
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މުޙައްމަދު މުޖުތާޒު މިއަދު އައްޔަނުކުރައްވައިފިއެވެ. ސީއެސްސީގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހިއިރު ވޯޓުގައި ބައިވެރިވި ޖުމްލަ 71 މެންބަރުން ވަނީ ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވައިފައެވެ. އެއަށްފަހު އެ މަގާމަށް އޭނާ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމުގެ ކުރިން މުޖްތާޒު ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ކުރިމަތީގައި ކުރައްވާފައެވެ. މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު ހުސައިން ޝަހީދެވެ. އަދި، ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރިކަމުގެ ލިޔުން، ރައީސް މުއިއްޒު ވަނީ އެ ރަސްމިއްޔާތުގައި މުޖްތާޒާ ހަވާލުކުރައްވާފައެވެ. https://sun.mv/204855 މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ. މުޖުތާޒުވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދައިކުރެއްވިއެވެ. ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ މިދިޔަ މަހުގެ 11ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ