ސިފާއުގެ ލަނޑާއެކު ޓީސީ ބަލިކޮށް މާޒިޔާ ފައިނަލަށް
އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބު 1-0ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ މަގާމާއެކު، ފަސް ޓީމު ހިމެނޭ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު ހުސެއިން ސިފާއު ޔޫސުފް ކާމިޔާބުކޮށްފައިވަނީ މެޗުގެ 37ވަނަ މިނެޓުގައެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ސިފާއުގެ ލަނޑާއެކު ޓީސީ ބަލިކޮށް މާޒިޔާ ފައިނަލަށް -- ސަން ފޮޓޯ/ މުހައްމަދު މާނިއު މި ލަނޑަށްފަހު ޓީސީއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޓީސީގެ އަޝްހަމް އިބްރާހިމް މުހައްމަދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު)އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެއަށްފަހު މާޒިޔާގެ އުންމީދީ މިޑްފީލްޑަރު މާއިޒް ވަހީދަށް ވަނީ މެޗުގައި މާޒިޔާގެ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ކައިރިން ކަޓުވާލުމަށްފަހު ޓީސީގެ އަޝްހަމް އިބްރާހިމް މުހައްމަދު ވަނީ މެޗުގެ 77ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. ނަމަވެސް އަޝްހަމް ހުރީ އޮފްސައިޑްގައި ކަމަށްވުމުން އެ ގޯލު ރެފްރީ ބަލައެއްނުގަނެ އެވެ. ބުދަ ދުވަހުގެރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ކުޅޭނީ މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ