މުޝްފިގު ހޯދުމުގެ މަސައްކަތް ނުނިމޭތީ މަރު ސާބިތުނުކޮށް، ކޯޓުން މައްސަލަ ބޭރުކޮށްލައިފި
މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިގު ޝަރީފް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އަދިވެސް ކުރަމުންދާތީ އޭނާގެ މަރު ސާބިތުނުކޮށް، އޭނާގެ އުފަން ރަށް ކަމަށްވާ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ މައްސަލަ ބޭރުކޮށްލައިފިއެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިގު ނިޔާވެއްޖެ ކަމަށް ނިންމައި އޭނާގެ މައްޗަށް މިދިޔަ މަހުގެ 11ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދު ކުރުމަށް އޭނާގެ އުފަން ރަށް މާވަށު ކައުންސިލުން ނިންމިއެވެ. އެކަމަކު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އޭރު ވިދާޅުވީ، ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އެހެންވެ، އެ ދުވަހު ބާއްވަން އޮތް ކަށުނަމާދު ވަނީ ކެންސަލްކޮށްފައެވެ. މުޝްފިގުގެ މަރު ސާބިތުކުރުމަށް މާވަށު ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 13 ވަނަ ދުވަހު، އޭނާގެ ބައްޕަ މުހައްމަދު ޝަރީފެވެ. https://sun.mv/206212 މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މާވަށު ކޯޓުން ކުރި ހުކުމުގައި ބުނީ, މުޝްފިގު ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެ ކޯޓުގައި މި ވަގުތު ކުރިއަށް ގެންދިޔުމަކީ އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތްކަމަށް ނުފެންނާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. މުޝްފިގާ އެކު އެރޭ ބޯޓުގައި ހުރި އޭނާގެ ކޮއްކޮ، އަހުމަދު މިންޝާވީ ވަނީ ޝަރީއަތުގައި ދެބެން އެކުގައި މޫދަށް ފުންމާލި ވަގުތު ބޭބެ އޭނާގެ އަތުން ދޫވި ކަމަށާއި، އެއީ ބޯޓުގެ ވައިދަށްފަރާތަށް ވުމުން ބޯޓު އެވަގުތު އައީ އެ ދެބެންގެ ގަޔާ ކައިރިއަށް ކަމަށް ބުނެފައެވެ. އަދި, ބޭބެ ސަލާމަތްކުރުމަށް އޭނާއަށް އުނދަގޫވި ކަމަށް ބުންޏެވެ. އޭގެ ފަހުން ހޯދާ ހޯދާ ވެސް ބޭބެ ނުފެނުން ކަމަށާއި، މުޝްފިގަކީ ރަނގަޅަށް ފަތަން ނޭނގޭ ކުއްޖެއްކަމުން މިހާރު ނިޔާވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް މިންޝާވީ ވަނީ ޝަރީއަތުގައި ބުނެފައެވެ. އެހެންކަމުން އެ ދެބެންގެ ބައްޕަ ވަނީ މިހާރު މުޝްފިގު ނިޔާވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެހެންކަމުން ދަރިފުޅުގެ މައްޗަށް ކަށުނަމާދު ކުރުމަށްޓަކައި މަރު ސާބިތުކޮށް މައްސަލަ ނިންމައި ދިނުމަށް އެދިފައެވެ. https://sun.mv/204355 ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެންޑީއެފް ސާޗް އެންޑް ރެސްކިއު ޓީމްގެ މަސައްކަތާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް, ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށް އެ ކޯޓަށް އެމްއެންޑީއެފުން އަންގާފައިވާކަން އެނގެއެވެ. އެހެންކަމުން ކޯޓުން ކަނޑައެޅީ، ގެއްލިފައިވާ މީހަކު ހޯދަމުން ދާއިރު، އެއީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހުކުމް ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނަ ކަމަށެވެ. ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އެ ބޯޓުގައި ރޯވިއިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ. ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެ ތެރެއިން ސަލާމަތްވީ 17 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ