ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަގެ ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނުހަދާ އޮތުމުންނާއި ޒަކިއްޔާ މާރާލީ ކަމަށް ބުނެ ހޮޅުދޫގެ ގިނަ ބަޔަކު ގެންދިޔައީ އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމެއް މިދިޔަ ހަފުތާ އިންޑިއާއަށް ގޮސް، ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށްގެން ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލެއް ތައްޔާރުކޮށް ވާޗުއަލް އޮޓޮޕްސީއެއް ވަނީ ހަދައިފަ އެވެ.
ތަފްސީލް - އޮޓޮޕްސީ ނުހެދި ނަމަވެސް މީގެ ކުރިން ޒަކިއްޔާގެ ހަށިގަނޑު އެ ވަގުތު މާލޭގައި ހުރި ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކި އެވެ. ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން ކުރިން ބުނެފައި ވަނީ:
ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން
ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ
ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް
މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އޭރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ނުހެދީ، އޭރު މާލޭގައި ޕެތޮލޮޖިސްޓެއް ހުރުމުން ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ހެދުމުގެ ބޭނުމެއް ނެތުމުން ކަމަށެވެ.
"ޕެތޮލޮޖިސްޓަކު ހަށިގަނޑު ބެލުމުން މަރުވި ސަބަބާއި މަރުވި ގޮތް ދެނެގަނެވެން އެބައޮތް. އޮޓޮޕްސީއަކުން ދެނެގަނެވޭނީ ހަމަ އެ މިންވަރަށް. އެއަކުން އިތުރަކަށް ހޯދޭނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ ޝައްކުތައް ގިނަވެފައިވާތީ މި ތަހުގީގުގައި އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި ވެސް ވަނީ ބައިވެރިކޮށްފަ އެވެ.
އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަހުގީގީ އިދާރާއެއް ތަހުގީގުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެއް ކަމަށް އެނގިފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެ މަރުގެ ވާހަކަ ރަށު ތެރޭގައި ހޫނުވެ ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އެފަދަ ކަމެއްގައި ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައި ވެސް ވެ އެވެ. ޒަކިއްޔާގެ އާއިލާ ބައެއް މީހުންނަށް ވެސް އާއިލާގެ އެހެން މީހުން އެކި ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރަށު ތެރޭގައި ދަނީ ފެތުރެމުންނެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ