ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރަން ސޭފްޓީ ބޯޑެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނީ "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި އިދާރާއެއް އުފެއްދެވީ އިއްޔެ ކަމަށެވެ. އަދި އެ އިދާރާއަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެމަނިކުފާނު ވަނީ އެ ބޯޑުން ކުރާނެ މައިގަނޑު މަސައްކަތްތައް ވެސް ކަނޑައަޅުއްވާފައެވެ. އެގޮތުން: ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން. އެކްސިޑެންޓްތަކުގެ ތަހުގީގުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކުރުން. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުން. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި، ރިޕޯޓުތައް ޝާއިއުކުރުން. ރައީސް އޮފީހުން ބުނީ، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖެހުމުގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔާ ސިޓީތަކުގައި ޖަހާނެ ނަންބަރަކީ 501 ކަމަށެވެ. މަގުމަތީ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުމާއި ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ދިއުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ޚާއްސަކޮށް މާލެއާއި ބޮޑެތި ރަށްތަކުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެފައި ނުރައްކަލެވެ. ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގުމަކީ ވެސް ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ހާދިސާތަކުގައި ވެސް އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. ރާއްޖޭގައި އެންމެ ރައްކާތެރި ދަތުރުފަތުރުގެ ނިޒާމަކީ ވައިގެ ދަތުރުފަތުރުތަކެވެ. ރަނގަޅު އުސޫލުތަކެއްގެ ތެރެއިން އެ ދާއިރާ ހިންގާތީ އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް ނުވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ