މޯލްޑިވް ގޭހުން ޝިޕްމަންޓަށް ދެއްކި ފައިސާ ހޯދަން ގާނޫނީ މަރުހަލާތައް ފަށައިފި
ގޭހުގެ ޝިޕްމަންޓަކާއި އޭގެ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ނުލިބުމުން، އެ ފައިސާ ހޯދަން ގާނޫނީ މަސައްކަތްތަކުގެ މަރުހަލާތައް ފަށާފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފިއެވެ. މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ހާމަކުރައްވައިފައެވެ. https://sun.mv/204601 މިއަދު އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ގޭހުގެ ޝިޕްމަންޓުގެ އެޑްވާންސް ފައިސާއަށް ޖުމުލަ އަގުގެ 30 އިންސައްތަ ފައިސާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް، ގޭސް ޝިޕްމަންޓުގެ ޑެލިވަރީއަށް ދިން މުއްދަތު ހަމަވުމުން ޝިޕްމަންޓަށް ދެއްކި ފައިސާ އަނބުރާ ޚަލާސް ކުރަން ސަޕްލަޔަރަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް، އެކި ފަހަރު މަތީން ސަޕްލަޔަރާ ވާހަކަދައްކައިގެން ވެސް އެޑްވާންސް ފައިސާ ރައްދުކޮށްފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންވެ، އެކަމުގައި ކުރިއަށް ދިޔުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ މަރުހަލާތައް އެ ކުންފުނިން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން އެޑްވާންސަށް ދެއްކި ފައިސާ ރިކަވާ ކުރުމުގެ މޯލްޑިވް ގޭހުގެ ގާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އިތުރަށް އޮފިޝަލް ވިދާޅުވީ، އެ ކުންފުނިން ގޭސް ގަތުމުގައި މުއާމަލާތް ކުރަނީ ކުންފުނީގައި ހަދައިފައިވާ ޕްރޮކިއުމަންޓު ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ރިކުއެސްޓް ފޯ ކޯޓޭޝަން ޖަހައި، އެންމެ އަގުހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރަކަށް ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އިއްޔެ ނާޒިމް ވިދާޅުވީ، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މޯލްޑިވް ގޭހުގެ މައްޗަށް ތުހުމަތުކުރަނީ މަނީ ލޯންޑާ ކުރި ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ