އެމެރިކާގައި ފުލުހުންނާއި އާންމުން ތަޅާފޮޅައި ބޮޑު ހަމަނުޖެހުމެއް ހިނގަނީ
ކެލިފޯނިއާ (8 ޖޫން 2025) : އެމެރިކާގެ ބޮޑު ސިޓީއެއް ކަމަށްވާ ލޮސްއެންޖެލިސްގައި ފުލުހުންނާއި އާންމުންނާ ދެމެދު ތަޅާފޮޅުންތަކެއް އުފެދި ތަޅާފޮޅުންތައް ފުޅާވެ ހުޅުޖެހުމާއި ފޭރުމާއި ލޫޓުވުމުގެ ހަރަކާތްތައް އެސިޓީގައި އާންމު ވެއްޖެއެވެ. މި ކުރިމަތިލުންތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ ލޮސްއެންޖެލިސްގެ ތަންތަނުގައި ހުޅުޖެހުމާއި ފޭރުމާއި ލޫޓުވުމުގެ ހަރަކާތްތައް ހިނގަން ފެށުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ފެޑްރަލް ބާރުތައް ފޮނުވަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. ލޮސްއެންޖެލިސްއަކީ އެމެރިކާގެ އެންމެ މުއްސަނދި ސްޓޭޓް ކަމަށްވާ ކެލިފޯނިއާގެ އެންމެ ބޮޑު ސިޓީއެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ތަޅާފޮޅުން އުފެދުނީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސްގެ އެންފޯސްމެންޓް އިދާރާ ކަމަށްވާ (އައިސް)އިން ހިޖުރައާބެހޭ އުސޫލުތަކާ ޚިލާފަށް އުޅޭކަމަށް ތުހުމަތުކުރި ބަޔަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމާ ގުޅިގެންނެވެ. މިކަމާ ދެކޮޅަށް އެސިޓީގެ އާންމުން މަގުތަކަށް ނުކުމެ ފުލުހުންގެ މަސައްކަތްތަކަށް ހުރަސް އެޅުމުން ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން އުފެދި ދެފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގަން ފެށީއެވެ. ކެލިފޯނިއާގައި ހިނގަމުންދާ ހަމަނުޖެހުން ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އާންމުންގެ އެތަށް ބަޔަކުވަނީ ޒަޚަމްވެފައެވެ. އަދި އާންމުންވަނީ ވެހިކަލްތަކާއި އިމާރާތްތަކުގައި ހުޅުޖަހަން ވެސް ފަށާފައެވެ. ލޮސްއެންޖެލިސްގެ ފުލުހުންގެ ތަރުޖަމާނު ޑްރޭކް މެޑިސަން ވިދާޅުވިގޮތުގައި ބާރުގެ ބޭނުން ކުރަންޖެހުނީ އާންމުން މަގުތަކަށް ނުކުމެ ފުލުހުންގެ މަސައްކަތަކަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. އޭނާވަނީ އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ޑްރޭކް ވިދާޅުވިގޮތުގައި އާންމުން މަގުތަކަށް ނުކުމެ ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އެހެންކަމުން އާންމުން މައިތިރިކުރަން ބާރުގެ ބޭނުންކުރަން ޖެހުނީއެވެ. އަދިވެސް އާންމުންނާ ދެކޮޅަށް އިތުރަށް ބާރުގެ ބޭނުންކުރާނެކަމަށާ އާންމުންގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަންޒަރު ދުށްމީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުލުހުންނާ ދެކޮޅަށް އާންމުން ތެދުވީ އާދަޔާ ޚިލާފަށް އަނިޔާވެރިކަން ކުރިޔަށްނެރުމާ ގުޅިގެންނެވެ. ހަރުކަށިކަން އިސްކޮށް ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކޮށް ހައްޔަރު ކުރަން ފެށުމުންނެވެ. ފުލުހުންގެ އަމަލުތައް ހުރީ ގާނޫނާ ޚިލާފަށްކަމަށް އާންމުން ދެކޭކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އަޅުއްވަމުން ގެންދަވާ ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުންނާއި އެމެރިކާގައި އުޅޭ ބޭރުމީހުން ކުއްލިގޮތަކަށް އެމެރިކާއިން ބޭރުކުރުމަށް ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެމެރިކާގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައްދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އާންމުންގެ ރުޅިވެރިކަން ދަނީ އިތުރުވަމުންނެވެ. އެމެރިކާގައި ބޮޑު ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރު ހީވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ލެޓިން އެމެރިކާގެ ގައުމުތަކުން އެމެރިކާއަށް ހިޖުރަކޮށްގެން ބޭރުގެ ހިޖުރަވެރިންނަކީ އެމެރިކާގެ ކުންފުނިތަކުގައި ވަރަށް އަގުހެޔޮކޮށް މަސައްކަތް ކޮށްދޭ ބައެކެވެ. ޓްރަމްޕް ގެންދަވަނީ އެއީ ޣައިރު ގާނޫނީ ހިޖުރަވެރިންކަމަށް ބުނެ ބާރުގެ ބޭނުންކޮށްގެން އެމީހުން އެމެރިކާއިން ބޭރުކުރަމުންނެވެ. މިއާއެކު އެމެރިކާގެ ދަނޑުވެރިކަމުގެ ކުންފުނިތަކަށް ލޭބަރުން ނުލިބުމުގެ މައްސަލަ ކުރިމަތިވެ އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަތީޖާއަކީ ބިހާއި މޭވާ އަދި ތަރުކާރީއާއި މިނޫންވެސް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުން ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ