ކެނދިކުޅުދޫ "ކަނޑޫ އޮޑި"، ސަގާފީ ކުލަތަކާއި ފޯރީގައި މުޅިން އާ ފެށުމެއް

ނ. ކެނދިކުޅުދޫގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރާއިރު އެ ރަށުގައި ކުރިއަށްގެންދިޔަ "ކަނޑޫ އޮޑި" ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި ހަރަކާތަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރިއަށްގެންދިޔަ، މިހާރު އުވިގޮސްފައިވާ "ޖަހާ ދޯނި" ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، މިއީ އެ ރަށު ޒުވާނުންތަކެއްގެ ޚިޔާލެއް ކަމަށެވެ. އެ ގޮތުން، "ކަނޑޫ އޮޑި" ރޭހަށް ޕްރޮޕޯސަލް ހުށަހެޅުމާ އެކު މި މުބާރާތުގެ ތައްޔާރީތައް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. ކެނދިކުޅުދޫ "ކަނޑޫ އޮޑި" ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ކެނދިކުޅުދޫ އީދު 1446 މި މުބާރާތުގައި ބައިވެރިވީ އަންހެން ތިން ޓީމާއި ފިރިހެން ފަސް ޓީމެކެވެ. ކޮންމެ ޓީމެއްގައި ވެސް ބައިވެރިވެވޭނީ އެންމެ ގިނަވެގެން 18 މީހުންނަށެވެ. މުބާރާތުގައި އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވައިފައިވާއިރު، އެއްވަނައަށް ހޮވޭނީ އެންމެ ކުރިން ރޭސް ނިންމާ ޓީމެވެ. މި މުބާރާތް އެ ރަށުގެ ކެނދުކުޅު އަވަށުގެ "މައި ފަޅު" ނަމަކަށް ކިޔާ ކުޅީގައި ކުރިއަށްގެންދިޔައިރު، އެ ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވިއެވެ. ސަޕޯޓަރުންނާއި ޓީމުތަކުން ނެގި ފޯރިއާ އެކު އެ ވަގުތު މުޅި ސަރަހައްދުގައި ގުގުމާފައި އޮތީ އަތްޖެހުމާއި، ބޮޑުބެރާއި މަޖަލާއި ސަކަރާތުގެ އަޑެވެ. މި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރި އެކަކަކީ މިދިޔަ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި، ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)އެވެ. އޭނާ ހިއްސާކުރި ވީޑިއޯގައި ވަނީ މިއީ "ޖަހާ ދޯނި" ނަމޫނާއަކަށް ބަލައިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މިއީ ފަތުރުވެރިކަމަށް މުހިންމު ފެށުމެއް ކަމަށާއި މި މުބާރާތް ގައުމީ މުބާރާތަކަށް ވާނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މި ރޭހުގައި ރަށަށް ޒިޔާރާތްކުރި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެ ރަށުގައި މި ވަގުތު ހުންނެވި ހޯމް މިނިސްޓަރު އަލީ އިހުސާނު ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތުގައި ބޭނުންކުރީ ހަތަރު ދޯންޏެވެ. މި ހަތަރު ދޯނި ވެސް ބަނދެފައިވަނީ ކެނދިކުޅުދުއަށް ނިސްބަތްވާ މާވަޑިއެކެވެ. "މުހައްމަދު އަބްދުލް ޣަނީ ކިޔާ މާވަޑިއެއްގެ ބެލުމުގެ ދަށުން މިކަން ކުރިއަށް ގެންދިޔައީ. ރަށުގެ ގިނަ ބައެއްގެ އެހީތެރިކަމާ އެކު މި ދޯނިތައް ގާތްގަނޑަކަށް 20 ދުވަސްތެރޭ ބަނދެ ނިންމައިލެވުން،" އޭނާ ވިދާޅުވިއެވެ. މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބާއި ސަމާލުކަން ލިބިފައިވާކަން ފާހަގަކޮށް ރައޫފް ވިދާޅުވީ، "ކަނޑޫ އޮޑި" މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ކެނދިކުޅުދޫ "ކަނޑޫ އޮޑި" ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ކެނދިކުޅުދޫ އީދު 1446 "އަދި ނުވެސް ނިންމަން ކިހިނެއްތޯ ކުރިއަށް ގެންދާނީ. ރަށު ފެންވަރުގައިތޯ، އަތޮޅު ފެންވަރުގައިތޯ ނުވަތަ ގައުމީ ފެންވަރުގައިތޯ. އަޅުގަނޑުމެން މި ރަށުގައި ގެންދާ ހަރަކާތްތައް ގެންދަނީ ވަރަށް ބޮޑެތި ހަރަކާތްތަކެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ. ރައޫފް ވަނީ މި ހަރަކާތާ މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންދިޔަ "ޖަހާ ދޯނި" ރޭހާ ވެސް އެއްގޮތްކަން ފާހަގަކުރައްވާފައެވެ. "ތާރީޚުން އެބަ އެނގޭ ރާއްޖޭގައި ރަސްކަން ކުރި ދުވަސްވަރާއި އޭގެ ފަހުން ވެސް އެކި މުނާސަބާތަކާ ގުޅުވައިގެން އެކި އަތޮޅުތަކުގައި މި ރޭސް ބާއްވާފައިވާކަން. އަދި އަޅުގަނޑުމެންގެ އަވައްޓެރި މަލިކުގައި ވެސް ކޮންމެ އަހަރަކު އާ އަހަރު ފާހަގަކުރުމުގެ ގޮތުން މި ރޭސް ބާއްވައި،" އޭނާ ވިދާޅުވިއެވެ. ގިނަ ބަޔަކު ވަނީ ކެނދިކުޅުދޫން ކުރީގެ ސަގާފީ ހަރަކާތެއް އަލުން ފެށުމުން ތައުރީފުކޮށްފައެވެ. ރައޫފް ވަނީ މި ހަރަކާތް ކާމިޔާބުތަކާ އެކު ކުރިއަށްގެންދެވުމުގެ ފަހަތުގައިވާ އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ