ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މިނާގައި ހުންނަ ހައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހެމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެއިތުރުން ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް ވެސް ރައީސް ޝުކުރުއަދާކުރެއްވި އެވެ.
ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ހައްޖާޖީންނަށް ދެއްވި ހާއްސަ މެހުމާންދާރީއަށާއި އެ ގައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތައުރީފް ކުރައްވާފަ އެވެ.
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިވަގުތު ތިއްބެވީ ސައުދީގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ސައުދީއަށް ވަޑައިގެންނެވި އެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ސައުދީގެ ބޮޑުވަޒީރު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ