ރައީސްގެ މަރުހަބާ ލައިބާއަށް: ''ކުޅިވަރުގައި މުސްތަގުބަލެއް ހޯދާ ކުދީންނަށް ނަމޫނާއެއް''
'އަރުމީނިއާ ޔޫތު އޯޕަން 2025'ގެ ތިން ކެޓަގަރީން ރަން މެޑަލް ހޯދި ލައިބާ އަޙްމަދު މަޙްލޫފް ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވައިފިއެވެ. މިއީ ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ ޖޫނިއާ މުބާރާތެއްގެ ތިން ކެޓަގަރީއަކުން ދިވެހި އެތުލީޓަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ މިއީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. "ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް،" ރައީސްގެ ޕޯސްޓުގައިވެއެވެ. https://x.com/MMuizzu/status/1931718549019763138 މީގެ އިތުރުން ރައީސް ވަނީ ލައިބާއަށް ކާމިޔާބީއާއި އިތުރު ރަން ވަނަތަކެއް ހޯދުމަށް ހިތްވަރުދެއްވައި، ހުނަރުވެރިކަމާއެކު ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ. މި އަހަރުގެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާ އާ ވާދަކޮށް 21-15، 21-11 އިންނެވެ. ސިންގަލްސް ކުއާޓާގައި ލައިބާ ވާދަކުރީ ޖޯޖިޔާގެ އެއްވަނަ ރޭންކުގައި ހިމެނޭ ކުޅުންތެރިޔާ ޝަހުބާޒިއަން ބަލިކޮށްފައެވެ. އަދި ސެމީގައި އަރުމީނިއާގެ އެއްވަނަ ގަޔާނޭ ބަލިކޮށްގެންނެވެ. https://sun.mv/207053 މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ސައިޕްރަސްގެ ޕެއާ އާ ވާދަކޮށް 21-11، 25-23 އިންނެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕެއާއަކީ އަރުމީނިއާގެ އެރިކް އެވެ. މި މުބާރާތުގައި އަރުމީނިއާ، ރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިންގެ 92 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގައި ވެސް ބެޑްމިންޓަން ހިންގާ އިދާރާއެވެ. މިއީ ޔޫރަޕް ކަލަންޑަރުގައި އެމީހުން ހުއްދަ ދީފައިވާ ބެޑްމިންޓަން މުބާރާތެއް ކަމަށްވާއިރު މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިންނެވެ ލައިބާއަކީ ބެޑްމިންޓަނުގައި ރާއްޖޭގައި މިހާރު ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ