ޓޮރޮންޓޯ (ޖުލައި 2) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި މިރޭ ނޮކައުޓް މެޗަކަށް ޕޯޗުގަލްއާ ދެކޮޅަށް ކުޅޭއިރު، ހަމައެކަނި އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަަކަ ދައްކައިގެން ފަރުޖައްސާލެވެން ނެތް ކަމަށާއި އެ އަށް ވުރެން ދުރަށް ވިސްނަން ޖެހޭ ކަމަށް ކްރޮއޭޝިއާގެ ކޯޗު، ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.
ޕޯޗުގަލް އާއި ކްރޮއޭޝިއާ، ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގައެއް ހޯދުމަށް މިރޭ ކުރިމަތިލާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރޮއޭޝިއާގެ ކޯޗު ޑާލިޗަށް ސުވާލު އަމާޒުވީ، މިއީ، ރޮނާލްޑޯ އާއި ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިއަކު ވޯލްޑް ކަޕްގައި ކުޅޭނެ ފަހު މެޗު ކަމަށްވާއިރު، އެއީ ވިސްނާނެ ކަމެއްތޯ އެވެ.
ޑާލިޗް ބުނީ، އެ ދެ ކުޅުންތެރިންގެ ވާހަކަ އަންނާނެކަން ކުރިން ވެސް އެނގޭ ކަމަށާއި އެކަމަކު، އަމިއްލަ ނަޒަރުން ވިސްނާއިރު، މި މެޗަކީ "މިޑްފީލްޑަރުންގެ ކުރިމަތިލުމެއް" ކަމަށެވެ. އަދި، 40 އަހަރުގައި އެންމެ މަތީ ފަންތީގައި ރޮނާލްޑޯ އާއި މޮޑްރިޗް ކުޅުމަކީ ފުޓްބޯޅަ އަށް ގިނަ އިބްރަތްތެރި ކަންތައްތަކެއް އެނގިގެންދާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ޑާލިޗް ބުނީ، މި މެޗުގައި އެ ދެ ކުޅުންތެރިންނަށް ވުރެން އިތުރަށް ވިސްނަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"ރޮނާލްޑޯ އާއި މޮޑްރިޗްގެ ވާހަކަ އަންނާނެކަން އެނގޭ. އެކަމަކު، އަހަރެން މި މެޗު މި ދެކެނި ވަރަށް ވަރުގަދަ މިޑްފީލްޑް ބެޓަލް އެއް ގޮތަށް. ޕޯޗުގަލްގައި އެބަތިބި ތަފާތު މޮޅެތި ކުޅުންތެރިން މިޑްފީލްްޑްގައި. ޓެކްޓިކަލީ ވެސް ވަރަށް މޮޅު. ޔަގީންކަމެއް އެބައޮތް. މި މެޗުގައި ކޮންމެ ގޯހެއް ހެދިޔަސް އޭގެ އަދަބު ލިބޭނެކަން ޔަގީން،" ޑާލިޗް ބުންޏެވެ.
އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް މުބާރާތުގެ އެންމެ ފަހު ހިސާބަށް ދަތުރުކުރި ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތް ފެށި މެޗުން އިންގްލެންޑް އަތުން 4-2 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން، މޮޅުވި އެވެ. އެއީ، ޕެނަމާ އަތުން 1-0 އިން އަދި ގާނާ އަތުން 2-1 އިންނެވެ. އަނެއްްކޮޅުން، ޕޯޗުގަލް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އުޒްބެކިސްތާން އަތުންނެވެ. އެއީ، 5-0 އިންނެވެ. ދެން، ކުޅުނު ދެ މެޗަށް ބަލާއިރު، ކޮންގޯއާ 1-1 އިން އެއްވަރުވިއިރު، ކޮލަމްބިއާއާ އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ.
"ޕޯޗުގަލް އަކީ ވަރަށް ގިނަ ވަގުތު އަތުގައި ބޯޅަ ބާއްވައިގެން ކުޅެން ބޭނުންވާ ޓީމެއް. ވަރަށް މަދު އެ ޓީމުގެ ބަލިފަައިތައް. ރިސްކު ނަގައިގެން އިދިކޮޅު ޓީމަށް ކޮންމެ ވަގުތެއްގައި ވެސް ނުރައްކާ ކުރާނެ ފަދަ ޓީމެއް،" ޑާލިޗް ބުންޏެވެ.
ކްރޮއޭޝިއާ އާއި އިންގްލެންޑް ވަނީ މިހާތަނަށް 10 މެޗުގައި ކުޅެފަ އެވެ. ހަތް މެޗުން ޕޯޗުގަލް މޮޅުވިއިރު، ކްރޮއޭޝިއާ މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. މީގެ އެއް އަހަރު ކުރިން، 2024 ވަނަ އަހަރު މި ދެ ޓީމު ވަނީ ތިން ފަަހަރު ބައްދަލުކޮށްފަ އެވެ. އެކުވެރިކަމުގެ މެޗަކުން ކްރޮއޭޝިއާ މޮޅުވިއިރު، ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން އަމިއްލަ ދަނޑުގައި މޮޅުވި އެވެ. އަދި، ކްރޮއޭޝިއާ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޕޯޗުގަލް އާއި ކްރޮއޭޝިއާގެ މެޗު ފަށާނީ މިރޭ 4:00 ޖަހާއިރު އެވެ.
ޑާލިޗް ބުނީ ޕޯޗުގަލްގެ ވާހަކަ ދައްކާއިރު ރޮނާލްޑޯ އަށް ވުރެން ދުރަށް ވިސްނަންޖެހޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ