ރިއަލް އެސްޓޭޓް ޓޫރިޒަަމަށް ރާއްޖެ ހުޅުވާލުމާއެކު މިދޮރިން އެންމެ ފުޅާކޮށް ވެދަ އިންވެސްޓްކޮށްފައިވަނީ ޔޫއޭއިންނެވެ. މިވަގުތު އެތައް ބިލިއަން ޑޮލަރުގެ ރިއަލްއެސްޓޭޓް ޓޫރިޒަމް މަޝްރޫއު އެކި މަރުހަލާގައި ކުރިއަށް އެބަ ގެންދެ އެވެ.
ރާއްޖޭގެ ޓޫރިޒަމަކީ މުޅި ދުނިޔެއަށް ނަމޫނާ އެކެވެ. ވޯޓާ ވިލާތަކާއި ކަނޑުއަޑީގެ ރެސްޓޯރަންޓުތައް ފަދަ އީޖާދީ ވިސްނުންތައް ތައާރަފްވެގެން އައިސްފައިވަނީ ދިވެހި ދޮންވެލި ފަސްގަނޑުންނެވެ. ނަމަވެސް، ބައިނަލްއަގުވާމީ އެންމެ ނަން މަޝްހޫރު ވަރުގަދަ ރިސޯޓު ބްރޭންޑުތަކާ އެކު ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓު މަންޒިލުގެ މުސްތަގުބަލު މިހާރު ވަނީ އިންގިލާބީ މިސްރާބަކަށް އެނބުރިފަ އެވެ.
މީގެ އަހަރު ތަކެއް ކުރިން ކަމާގުޅޭ ގާނޫނު ތަކަށް ގެނައި އިސްލާހާ އެކު "ދުނިޔެ މަތީގެ ސުވަރުގެއިން" އަމިއްލަ ގަނޑުވަރެއް ހޯދުމުގެ މަގު މިހާރު ވަނީ ފަހިވެފަ އެވެ.
މި އިސްލާހުގެ ދަށުން، މަތީ ފަންތީގެ ރިސޯޓުތަކުގައި މަދު ދުވަސްކޮޅެއް ޗުއްޓީ ހޭދަކޮށްލުމުގެ ބަދަލުގައި، މުއްސަނދި ޓޫރިސްޓުންނަށް ރާއްޖޭގައި ދެވަނަ ގެއެއް ބިނާ ކުރުމުގެ ދޮރު ހުޅުވުނީ އެވެ. މި ދޮރުން ވަދެ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް އިންވެސްޓްކޮށްފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމު ޔޫއޭއީއިންނެވެ.
މި ގެނެވުނު ބަދަލާއެކު ހަމައެކަނި ރިސޯޓުތައް ތަރައްގީ ކުރުމުގެ ބަދަލުގައި މަތީ ފަންތީގެ ވިލާތައް ބިނާކޮށް މުއްސަނދިންނަށް އެ ވިލާތައް ވިއްކާލުމުގެ ފުރުސަތު ލިބުމާ އެކު، ޑިވަލޮޕަރުންގެ ސަމާލުކަން މުޅިން އާ މަގަކުން ރާއްޖެ އާ ދިމާއަށް ވަނީ އެނބުރިފަ އެވެ.
މިގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރަން، ޔޫއޭއީގެ ޑިވަލޮޕަރުން ރާއްޖޭގައި ތިން ބިލިއަން ޑޮލަރު އިންވެސްޓުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމްގެ ބައެއް މަސްދަރުތަކުން ބުނެ އެވެ. މި އަދަދު ކުރިއަށް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އިންވެސްޓު ކުރާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން، ޕައިޕްލައިންގައި މި ވަގުތު އެބަހުރި ތިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓު،" އަރަބިއްޔާބިޒްނަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓުތައް ތަރައްގީ ކުރުމުގައި އިސްކޮށް އުޅޭ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓުމަންޓް (ހަރިމް) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާޙު ވިދާޅުވި އެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުން، މިވަގުތު ޕައިޕްލައިންގައި އެބަހުރި ތިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓު
ހަރިމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު
ޖަނާހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ބޮޑު އިންވެސްޓްމަންޓު ހުރި ގައުމަކަށް ޔޫއޭއީ ވާނެ އެވެ. "މަތީފަންތީގެ ރިސޯޓުތަކުން ރާއްޖެ މިވަނީ މަތީފަންތީގެ ޓޫރިޒަމް ރިއަލް އެސްޓޭޓާ ދިމާއަށް މިސްރާބު ޖަހާފައި،" އޭނާ ވިދާޅުވި އެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން، ޑިވަލޮޕްރަނުންގެ ވިސްނުމަކީ، ޖަނާހު ވިދާޅުވި ގޮތުގައި ހަމައެކަނި މަތީފަންތީގެ ވިލާތައް ތަރައްގީކޮށް ވިއްކުމެއް ނޫނެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަށް ވަކިވަކި ރަށްތައް، ޕްރައިވެޓް އައިލެންޑުގެ ގޮތުގައި ތަރައްގީ ކުރުމުގެ ވިސްނުން ވެސް ޑިވަލޮޕަރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުބާއީގައި ފުޅާ ދާއިރާއެއްގައި މަތީފަންތީގެ ވިލާތަކާއި އެޕާޓްމަންޓުތައް ތަރައްގީކުރަމުން އަންނަ، ސަމަނަ ޑިވަލޮޕާސްއަށް ވެސް، ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކުރަން ރާއްޖެއަކީ އެންމެ އެކަށީގެންވާ މަންޒިލެވެ. އެ ކުންފުނިން ދާދިފަހުން ވަނީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް އެލީ ސާބްއާ ގުޅިގެން ރާއްޖޭގައި ހިންގާ މި މަޝްރޫއު ސަމަނާ ޑެވެލޮޕާސް އިން ދުބާއީގެ މަދީނަތު ސަރަހައްދުގައި ދުބާއީގައި އޮތް ރަސްމިއްޔާތެއްގައި ލޯންޗްކޮށްފަ އެވެ.އެ ކުންފުނިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އަގު ބޮޑު މި މަޝްރޫއު ހިންގަނީ މިހާރު ތަރައްގީކޮށް އަލުން ހުޅުވަން ތައްޔާރު ވަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގަ އެވެ. ހަނިމާދޫ އާ 20 މިނެޓުން ސީޕްލޭންގައި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކުރާ ރިސޯޓް ވެގެންދާނީ އެ ކުންފުނން ބުނި ގޮތުގައި އުތުރުގައި ތަރައްގީ ކުރާ އެންމެ ބިޔަ މަޝްރޫއަށެވެ.
މީގެ އިތުރުން އެފްއޭއެމް ހޯލްޑިން ޕީއެސްސީ ގްރޫޕުން ވެސް ދަނީ އަލް މަހްރާ މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. މި މަޝްރޫއު މި އަހަރުގެ މެދުތެރޭގައި ނިމޭނެ އެވެ. އަދި ޔޫއޭއީގެ އެހީގައި ހިންގާ އެހެން ބައެއް މަޝްރޫއުތައް ވަރަށް އަވަހަށް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ. މީގެތެރޭގައި ނޯތު މާލޭ އަތޮޅުގެ ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް، ނޯތު މާލޭ އަތޮޅުގެ ކޮރިންތިއާ މޯލްޑިވްސް އަދި ސައުތު މާލޭ އަތޮޅުގެ މެންޑަރިން އޯރިއަންޓަލް ބޮލިދުއްފަރު ރީފްގައި ތަރައްގީ ކުރާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުތައް ހިމެނެ އެވެ. މީގެ އިތުރުންވެސް ވ. އަތޮޅާއި މ. އަތޮޅުގައިވެސް ޔޫއޭއީއަށް ނިސްބަތްވާ ގިނަ އިންވެސްޓްމަންޓްތަކެއްގެ ރިއަލް އެސްޓޭޓް ރިސޯޓްތައް ހަދަމުންދެ އެވެ.
"ދުބާއީ އަކީ އަޅުގަނޑުމެންނަށް އިންތިހާ އަށް ރަނގަޅު އިންވެސްޓްމަންޓެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންނަށް އެންމެ މަގުބޫލު މަންޒިލަކަށް ވާނެ،" އެ ކުންފުނީގެ ސީއީއޯ އިމްރާން ފާރޫގް ވިދާޅުވި އެވެ.
"ސެކަންޑް ހޮލިޑޭ ހޯމެއް، އަދި އެވެސް ރާއްޖޭގައި. މިއަށް ވުރެ ރަނގަޅު ކަމެއް އޮންނާނެތޯ؟ އަޅުގަނޑުމެންގެ އިންވެސްޓަރުންނަށް މި ދެނީ، ދުނިޔެ މަތީގެ ސުވަރުގެ އިން ގަނޑުވަރެއް ގަތުމުގެ ފުރުސަތު."
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރިއަލް އެސްޓޭޓް ޓޫރިޒަމް | ޔޫއޭއީގެ ތިން ބިލިއަން ޑޮލަރުގެ ކަޅި ރާއްޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ