އިހުސާން އާއި މުއްތޮލިބު މަޖިލީހަށް ހާޒިރު ނުކުރެވިގެން އުޅޭ ސަބަބު ސާފުކޮށްދޭން އެދިއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ދީފައިވާ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް ހާޒިރުނުކުރެވި ލަސްވާ ސަބަބު ސާފުކޮށްދޭން އެ ހުށަހެޅުން ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އިހުސާން އާއި މުއްތޮލިބުއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދޭން މީކާއިލް އެދިވަޑައިގެންފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ މިއަދު ވިދާޅުވި ގޮތުގައި، މަޖިލީހަށް އެ ދެ ބޭފުޅުން ޖަވާބުދާރީވެވަޑައިގަތުމަށް ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވިއިރު ވެސް އެ ސުވާލުގެ ނޯޓިސް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.
އަދި އެ ދެ ބޭފުޅުންނަށް ފޮނުވާފައިވާ ނޯޓިހަށް 35 ދުވަސް މިހާތަނަށް ވެފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
ތަފްސީލް - މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އިއްޔެ ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގެންފައިވަނީ ނޯޓިހަށް 35 ދުވަސް ވެގެން ގޮސްފައިވާއިރު ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެ ދެ ވަޒީރުން ހާޒިރު ނުކުރެވި އެހާ ގިނަ ދުވަސްވެފައިވާ ސަބަބު ސާފުކޮށްދިނުމަށެވެ.
މީކާއިލްގެ ސިޓީގައި ވިދާޅުވެފައިވަނީ:
ދެ ވަޒީރުންނާ ކުރާ އެ ސުވާލުތައް ޖަލްސާއަކަށް އެޖެންޑާކޮށްފައި ނުވަނީ ކީއްވެތޯ މިމަހުގެ 3 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ސުވާލުކުރައްވާފައިވާނެ
ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ސާފުކޮށްދޭން އެދިވަޑައިގަތުމުން އެކަން ވެފައި އޮތް ގޮތެއް ބެލުމަށް ފަހު ޖަވާބު ދޭނެ ކަމަށް ރިޔާސަތުން ބުނެފައިވޭ
އެކަމަކު މިއަދާ ހަަމައަށް ވެސް އެ ކަމަށް ޖަވާބެއް ލިބިފައެއް ނުވޭ
އެހެންކަމުން، އެ ދެ ވަޒީރުން މަޖިލީހަށް ހާޒިރުކުރުން ލަސްވާ ސަބަބެއް އަވަސް ފުރުސަތެއްގައި ސާފުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އެނގުން މުހިއްމު - މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން:
މެމްބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް ފޮނުވައި 14 ދުވަސް ދިނުމަށް ފަހު
އޭގެ ކުރިން ވެސް ވަޒީރު އެ ސުވާލަށް ޖަވާބުދެއްވަން ތައްޔާރުވެވަޑައިގެން، އެކަން އަންގަވައިފި ނަމަ، މަޖިލީހުގެ ޖަލްސާއަކަށް ސުވާލުކުރެއްވުން އެޖެންޑާ ކުރުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސްއަށް އޮންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ