އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން ޕާޓީން ނޭދޭނެ: ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އެކި ފަރާތްތަކަށް މައުލޫމާތު ހޯދުމަށް މެސެޖު ފޮނުވަމުންދާ މައްސަލަ އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެ، އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން އެ ޕާޓީން ނޭދޭނެކަމަށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި، އެ ޕާޓީގެ ބޭނުމަށް ރަށްރަށުން މައުލޫމާތު ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް މައި އިދާރާއިން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތެއް މެދުވެރިކޮށެވެ. އަދި މިފަދަ މުއާމަލާތްތައް ކުރާނީ ޕާޓީގެ އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ޗެނަލްތަކާއި ނަންބަރުތައް މެދުވެރިކޮށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ސިޔާސީ ބޭނުމަށް އެ ޕާޓީގެ ނަމުގައި ސައްޙަނޫން މެސެޖުތަކެއް ފޮނުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.
މި މައްސަލައާ ގުޅިގެން، މިހާތަނަށް ފާހަގަކުރެވިފައިވާ މިފަދަ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި އެ ޕާޓީގެ ނަމުގައި ފޮނުވާ މިފަދަ މެސެޖުތަކަށް އިޖާބަނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް އެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ އަރިހުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ