ވަޒީރުން ހާޒިރު ކުރަން ޕީއެންސީން ފުރުސަތު ނުދޭތީ އެމްޑީޕީއާއި އަމިއްލަ މެންބަރުންގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ސުވާލުކުރުމުގެ ފުރުސަތު ވެރިކަންކުރާ ޕީއެންސީން ނުދޭތީ އިދިކޮޅު އެމްޑީޕީއާއި އަމިއްލަ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގައިފައިވާކަން "ސަން" އަށް ވަނީ އެނގިފައެވެ. https://www.sun.mv/203308 މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. މީކާއިލްގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޖެނުއަރީ 6، 2025 ވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ފޮނުވާފައިވާ ނޯޓިސްއަށް 35 ދުވަސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި ޖެނުއަރީ 14، 2025 ވަނަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ފޮނުވާފައިވާ ނޯޓިސްއަށް 35 ދުވަސްވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މިނިސްޓަރުންނާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން މަޖިލީހަށް ހާޒިރުނުކުރެވި އެހާ ގިނަ ދުވަސްވެފައިވާ ސަބަބަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ ސިޓީގައި ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މެންބަރު މީކާއިލް މާރިޗު 3، 2025ގައި އޮތް މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި، އެ ސުވާލުތައް އެޖެންޑާ ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން، ރިޔާސަތުން އެކަން ވެފަ އޮތް ގޮތް ބަލައި އަންގާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެކަމުގެ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ސުވާލުގެ ޖަވާބު ވެސް އަވަސް ފުރުސަތެއްގައި ލިބޭނެ ގޮތެއް ހައްދަވައިދިނުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ. https://x.com/MpAhdhu/status/1900081467566518368 މީކާއިލްގެ އެ ސިޓީއާ ގުޅިގެން އައްޑޫ، މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ހަމަ އެގޮތަށް އޭނާ ފެބްރުއަރީ 12، 2025 ވަނަ ދުވަހު ވަޒީރަކު ހާޒިރުކޮށް ސުވާލު ކުރުމަށް ހުށައަޅައިގެން މިއަދާ ހަމައަށް ވެސް އެކަން ފަހިވެފައި ނުވާ ކަމަށެވެ. މެންބަރު ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "މަޖިލިސް ރައީސްގެ ހާލުކޮޅު އިލޮން މަސްކުގެ ޓެސްލާ ރޮބޮޓަކަށްވުރެން ދަށް. އޮޕަރޭޓުވަނީ ބަޔަކު އޮޕަރޭޓް ކުރިގޮތަކަށް އެބަޔަކު އޮޕަރޭޓް ކުރުމުން،" އަބްދުއްރަހްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ފަންކްޝަން ކުރަން ޖެހޭގޮތަކަށް މިހާރު ފަންކްޝަނެއް ނުކުރާ ކަމަށެވެ. އަދި ކުރާނެ މަސައްކަތެއް މަޖިލިސް ތަޅުމުގައި ނޯންނައިރު، ގަވާއިދުގެ ތެރެއިން ވަޒީރުން ހާޒިރުކޮށް މެންބަރުން ބޭނުންވާ ސުވާލު ކުރުމުގެ ފުރުސަތު ނުދެވެން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމުގައި ހުންނަ ދަތިތަކުގެ ވާހަކައަކީ އަބަދުވެސް އެމްޑީޕީގެ މެންބަރުން ދައްކާ ވާހަކައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ