ކުޑަގިރިއަށް ކާމިޔާބު ދެ އަހަރު، މިހާތަނަށް 724،54 މީހުން ޒިޔާރަތްކުރި

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ކާމިޔާބު ކަމާއެކު ހުޅުވާ ހިންގާތާ ދެ އަހަރު ފުރިއްޖެއެވެ.
މިކަން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް އާއި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފައެވެ.
މިއަދު ކުޑަގިރީގައި ވަނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށްވާއިރު މި ހަރަކާތްތަކާއެކު މި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި ކުޑަގިރިއަށް ފާއިތުވި ދެ އަހަރު ޖުމުލަ 724،54 މީހުން ޒިޔާރާތްކޮށްފައިވެއެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައި ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނީ އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ކުޑަގިރިއަށް ދަތުރު ދިއުމާއި އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއްވެސް ހުޅުވާފައިވާކަމަށެވެ. މި ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެޗްޑީސީ އިން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރު ކުރުމަށްވެސް ނިންމާފައިވާކަމަށާއި، މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެއް ކަމަށެވެ. އަދި ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށް ނިންމާފައިވާކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަކީ އާބަންކޯއާއި ހަވާލުކޮށްގެން ކުރީ ސަރުކާރުން ހެދި ތަނެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި މިހާރުވެސް ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ކޮޓަރިތަކާއި، އާންމުން ބޭނުން ކުރުމަށް ކުޑަ އަށްޓާއި، ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ