ނޫޙުގެފާނު ކުރެއްވެވި ދުޢާ: ޢާއިލާގެ މީހުން މަގުފުރައްދަން އުޅޭ މީހުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ގިނަގިނައިން ކުރަން ފައިދާހުރި ދުޢާއެއް!

ތިމާއަށާއި ތިމާގެ ޢާއިލާއަށް އަދި ހެޔޮލަފާ އެންމެންނަށްވެސް ރަޙްމަތް ލެއްވެވުން އެދިގެންނާއި މީސްތަކުން ފަސާދަކުރަން މަސައްކަތްކުރާ މީހުންގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން މިދުޢާކުރަންވާނެއެވެ. 
މިހާރަކަށް އައިސް ގޭގެއަށް ގޮސްއުޅޭ ބައެއް މީހުންގެ ޢަމަލުތަކުންނާއި ދައްކާ ވާހަކައިން ޢާއިލާއަށް ވަރަށް ނުރަގަޅު އަސަރުތައް ކުރެއެވެ. ދީނާއިމެދު ޝައްކުތައް އުފެދި ދުރުހެލިވެވޭތަންވެސް އެބަފެނެއެވެ. ވީމާ މިދުޢާއަކީ އެފަދަ މީހުންގެ ނުބައިކަމުން ސަލާމަތްކޮސްދެއްވެވުން އެދިގެންވެސް ކުރެވިދާނެ ދުޢާއެކެވެ. އިން ޝާ ﷲ 
ނޫޙްގެފާނު ކުރެއްވެވި ދުޢާ: 
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا 
"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި، މިއަޅާގެ މައިންބަފައިންނާއި، އިމާންވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއްމިން ފިރިހެނުންނާއި، މުއްމިންއަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ"!
(ނޫޙް: 28) 
މި ދުޢާއަކީ އަބަދުމެ ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. އެއް ސަބަބަކީ ދުޢާގައި ތިމާއާއި މައިންބަފައިންނާއި އެންމެހައި މުއްމިނުންގެ ފާފަތައް ފުއްސަވައިދެއްވެވުން ހިމެނިފައިވުމެވެ. މިހާރުކުރުން ގިނަވެފައިވާ ސަބަބަކީ ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާތައްކޮށް އެމީހުންގެ އަމިއްލަ ނަފްސްތަކަށް ގެއްލުންދެމުން ގެންދާ މީހުން ގިނަވެފައިވުމެވެ. އެފަދަ މީހުންގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވަމުންދާތީއެވެ.    
މިބުނާ ބަހަށް ދަލީލް ލިބިގެންދަނީ އެ އާޔަތުގެ ކުރިއަށް އޮތް 2 އާޔަތުންނެވެ. 
"އަދި ނޫޙްގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ކާފިރުންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!"
"ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން ފާޖިރް، ކުފްރް ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ."
(ނޫޙް: 26،27)
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ